ޔަހޫދީ އިސްރާއީލްގެ މުސްތަޤްބަލު ހަމަ މަގަށް އެޅުވުމަށާއި ހަނގުރާމައިގެ ސަބަބުން ގެއްލިފައިވާ އިސްރާއީލްގެ އާންމު ރައްޔިތުންގެ ސަލާމަތްތެރިކަން އަލުން އިޔާދަ ކުރުމަށް މި ވަގުތު މުހިއްމީ ހަނގުރާމައިގެ ކެބިނެޓް އިވާލުމަށް ވުރެ އިސްރާއީލްގެ ސަރުކާރު އުވާލުން ކަމަށް އިސްރާއީލްގެ އިދިކޮޅު ލީޑަރު އެސްރައެލް ލަޕިޑް ބުނެފިއެވެ.

ލަޕިޑް އަކީ ޔަހޫދީ އިސްރާއީލްގެ މައި އިދިކޮޅު ޕާޓީ ކަމަށްވާ ސެންޓުރިޝް ޔެޝް އަތިޑްގެ ލީޑަރެވެ. އަދި އިސްރާއީލްގެ މިހާރުގެ އަނިޔާވެރި ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރާއި ދެކޮޅަށް އިސްރާއީލްގެ ހުރިހާ ހިސާބެއްގައި ކުރަމުންދާ މުޒާހަރާތައް ރާވައި ހިންގުމުގައި އޭނާގެ އިސް ދައުރެއް ވާ ކަމަށް ވެސް އިސްރާއީލްގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

ލަޕިޑް ވަނީ ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތާއި އެކު އިސްރާއީލްގެ ސަރުކާރުން ސުލްހައިގެ އެއްބަސްވުމަކަށް އައިސް ޣައްޒާގައި ތިބި އިސްރާއީލްގެ އަސީރުން އަނބުރާ އިސްރާއީލަށް ގެނެއުމަށް އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ގޮވާލާފައެވެ.

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އިސްރާއީލްގެ ރައްޔިތުން ހިމާޔަތް ކުރުމުގައި ފެއިލްވެފައި ކަމަށާއި މިހާރުން މިހާރަށް ބޮޑުވަޒީރު ނަތަންޔާހޫ އިސްތިއުފާ ދޭން ޖެހޭ ކަމަށް ލަޕިޑް ވަނީ ބުނެފައެވެ. އަދި އިސްރާއީލުގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުން ފިލުވާލުމަށް އޮތް ހަމަ އެކަނި ހައްލަކީ އަވަސް އާންމު އިންތިހާބެއް ބޭއްވުން ކަމަށް އޭނާ ވަނީ ބުނެފައެވެ.