މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ރަހީނުކުރި އިސްރާއީލްގެ އަސީރުންގެ ތެރޭގައި ހިމެނޭ ރަޝިޔާ މީހުން ދޫކޮށްލުމަށް ރަޝިޔާގެ ހިއުމަން ރައިޓްސް ކޮމިޝަނަރު ގޮވާލައިފިއެވެ.

ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ޣައްޒާގައި ރަހީނުކޮށްފައި ތިބި ރަޝިޔާގެ ގައިދީން މިނިވަންކުރުމަށް އިތުރަށް މަސައްކަތް ކޮށްދިނުމަށް ރަޝިޔާގެ ހިއުމަން ރައިޓްސް ކޮމިޝަނަރު އަނެއްކާވެސް އދގެ އިސް ވެރިންނަށާއި އެހެނިހެން އިންސާނީ ހައްޤުތައް ރައްކާކުރަން މަސައްކަތް ކުރާ ޖަމިއްޔާތަކުގެ އޮފިޝަލުންނަށް އިލްތިމާސް ކޮށްފައެވެ.

މީސް މީޑިއާގެ ޓެލެގްރާމް މެސެޖިން އެޕްލިކޭޝަން މެދުވެރިކޮށް އަލް ޖަޒީރާ އަށް ދެއްވި އިންޓަވިއު އެއްގައި ރަޝިއާގެ ހިއުމަން ރައިޓްސް ކޮމިޝަނަރު ޓަޓްޔާނާ މޮސްކަލްކޯވާ ވިދާޅުވީ އޭނާ މި އިލްތިމާސް އަލުން ދުނިޔޭގެ ވެރިންނަށް ކުރީ މި ހަފްތާގައި ރަޝިއާގެ ވެރި ރަށް މޮސްކޯގައި ޣައްޒާގައި ތިބި ރަޝިއާގެ އަސީރުންގެ އާއިލާތަކާއި ގާތް ތިމާގެ މީހުންނާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ކަމަށެވެ.

މި ވަގުތު ފަލަސްތީނުގެ ޣައްޒާގައި އަސީރުންގެ ގޮތުގައި ރަޝިއާ އަށް ނިސްބަތްވާ 8 މީހުން އެބަ ތިބި ކަމަށާއި އަދި ކުރިން އަސީރުން މިނިވަން ކުރި އިރު ރަޝިއާ އަށް ނިސްބަތްވާ 3 މީހަކު ވަނީ މިނިވަން ކޮށްފައި ކަމަށް ރަޝިއާގެ މީޑިއާތަކުން ބުނެއެވެ.

ރަޝިއާގެ ހިއުމަން ރައިޓްސް ކޮމިޝަނަރު މޮސްކަލްކޯވާ ވިދާޅުވީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރު ވޮލްކާ ޓާކް އާއި އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑްކްރޮސްގެ ވެރިޔާ މިރްޖަނާ ސްޕޮލްޖަރިކްގެ އިތުރުން އެހެނިހެން ކަމާބެހޭ އޮފިޝަލުންނަށް ރަޝިއާގެ އަސީރުން އަވަހަށް މިނިވަން ކޮށްދިނުމަށް އެދި އިލްތިމާސް ކޮށްފައިވާނެ ކަމަށެވެ.