އެމެރިކާގެ ރައީސް ސްޕެޝަލް އެޑްވައިޒަރު އަމޯސް ހޮޗްސްޓެއިން މި ވަގުތު ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލަށް ކުރަމުންދާ ރަސްމީ ދަތުރުގައި ޔަހޫދީ އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކޮށްފިއެވެ.

ނަތަންޔާހޫގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔައި އޭނާގެ ސަރުކާރުން މިދިޔަ ހަފުތާގައި އިސްތިއުފާ ދިން އިސްރާއީލުގެ ކުރީގެ މިނިސްޓަރު ބެނީ ގަންޓްޒްއާ ވެސް އެމެރިކާގެ ރައީސްގެ އެޑްވައިޒަރު ބައްދަލުކުރަން ވަނީ ހަމަޖެހިފައި ކަމަށް އިސްރާއީލްގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މި ބައްދަލުވުންތަކަކީ އިސްރާއީލާއި ލުބްނާނާ ދެމެދު އޮންނަ ނުރަސްމީ ބޯޑަރު ކަމަށްވާ ބްލޫ ލައިންގައި އިތުރަށް ހަމަނުޖެހުން ހިނގުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރިއަށްދާ މަޝްވަރާ ބައްދަލުވުމެއް ކަމަށް އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސްއިން ވަނީ ބުނެފައެވެ. ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުން އިސްރާއީލަށް އަމާޒުކޮށްދޭ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ހިޒްބުﷲ އިން ދެމުން ގެންދާ ހަމަލާތައް ނުހުއްޓައިފި ނަމަ ބޮޑު ހަނގުރާމަ އެއް ފެށިދާނެ ކަމުގެ އިންޒާރު އިސްރާއީލްގެ އަސްކަރިއްޔާގެ އިސްވެރިން މިއަދު ވެސް ވަނީ ދީފައެވެ. އަދި ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާގެ ވެރިޔާ ހަލަވީ ވަނީ ލުބުނާން ހިފުމަށް އިސްރާއީލްގެ އަސްކަރިއްޔާ ތައްޔާރަށް އޮތް ކަމަށް ބުނެ ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތަށް ވަރުގަދަ އިންޒާރެއް ވެސް ދީފައެވެ.

ލުބުނާނުގެ ބޯޑަރު ސަރަހައްދަކީ އިސްރާއީލުގެ ސިޔާސީ މައްސަލައަކަށް ވެފައި ވަނީ މި ދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އެ ސަރަހައްދުގެ އަވަށްތަކުން ގާތްގަނޑަކަށް 60،000 މީހުން ހިޒްބުﷲ ޖަމާއަތުން ދޭ ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދު ދޫކޮށްދާން މަޖުބޫރުވެފައިވާތީއެވެ.

ނަތަންޔާހޫ ވަނީ މި ދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ކުއްލި ހަމަލާއަށް ފަހު އެކުލަވާލި ހަނގުރާމައިގެ ކެބިނެޓް އުވާލައި، އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާނުލައި ކުރިއަށްދާނެ ކަން އިއުލާން ކޮށް އިސްރާއީލުގެ ރައްޔިތުން ގައުމީ އެއްބައިވަންތަކަމުގެ ވިސްނުމުގައި ތިބުމަށް ޔަހޫދީންނަށް އިލްތިމާޞް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ރޯ ނުބައިކޮށް ލިއެފައި މިއޮތީ! ރަގަޅު ގޮތަކީ ލުބްނާނުގެ ހަމަލާތަކުން އިޒްރޭލަށް ފޫނުބެދޭވަރުގެ ގެއއްލުންވަމުންދާތީ އިޒްރޭލު ސަލާމަތްކުރުމަށް މަކަރުވެރި ރޭވުމަކަށް އެމެރިކާ ނުކުމެއްޖެ! މިހެން