އިންޑިއާގައި ކަރަންޓް ޖެހިގެން އެއް އާއިލާއެއްގެ ތިން މީހަކު މަރުވެއްޖެއެެވެ.

ޕޫނޭ ޑިސްޓްރިކްޓްގެ ދައުންޑް ތަހުސިލްގެ ޑަޕޯޑީ-ކެޑްގާއޯން ސަރަހައްދުގައި މިއަދު ހެނދުނު 7:15 އެހާކަންހާއިރު ހިނގި މި ހާދިސާގައި މަރުވީ ދެމަފިރިންނާއި ފިރިހެން ދަރިފުޅެވެ.

މިގޮތުން އެންމެ ފުރަތަމަ ކަރަންޓް ޝޮކެއް ލިބުނީ 44 އަހަރުގެ ސުރެންދުރަ ބަލޭކަރްއަށެވެ. އޭނާއަށް ކަރަންޓު ޝޮކެއް ލިބުނީ މެޓަލް ވަޔަރެއްގައި އަޅުވާފައިވާ އަންނައުނުތައް ނަގަން އުޅުމުގެ ތެރޭގައެވެ. މިއާއެކު އޭނާގެ ދަރިފުޅު 17 އަހަރުގެ ޕްރަސާދާއި އަންހެހެނުން 37 އަހަރުގެ އަދިކާ އޭނާ ސަލާމަތް ކުރަން މަސައްކަތް ކުރިއެވެ. ނަމަވެސް އެ ދެ މީހުންނަށްވެސް ކަރަންޓުގައި ޖެހި މަރުވީއެވެ.

މި ދެމަފިރިންގެ އަދި ދެ ކުދިން ތިބެއެވެ. މި ހާދިސާ ހިނގި ވަގުތު އަންހެން ދަރިފުޅު ވައިޝްނަވީ ހުރީ ޓިއުޝަނަށް ގޮސްއެވެ. އަދި ހަތަރު ވަނަ ދަރިފުޅު ހުރީ ކިޔެވުމަށް ރައިގަޑް ޑިސްޓްރިކްޓްގެ މަހާދުގައެވެ.

ބަލޭކަރް އާއިލާއަކީ ސޯލާޕޫރު ޑިސްޓްރިކްޓަށް ނިސްބަތްވާ އާއިލާއެކެވެ. އެ މީހުން މިތަނަށް ބަދަލު ވީ މީގެ ފަސް އަހަރު ކުރިން ވަޒީފާ ހޯދާށެވެ.

ސުރެންދުރަ އަކީ ކޮންސްޓްރަކްޝަން މަސައްކަތްތެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ. އޭނާގެ އަންހެނުން މަސައްކަތް ކުރަމުން ދިޔައީ ކައިރި އަވަށްތަކުގެ ދަނޑުތަކުގައެވެ.

ކިޔުންތެރިންގެ ހިޔާލު