ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގެ ނުސައިރަތު ރެފިއުޖީ ކޭމްޕަށް ރޭގައި ދިން ވަރުގަދަ ހަމަލާތަކުގައި ފަލަސްތީނުގެ ކުށެއް ނެތް 17 މީހުން ޝަހީދުކޮށްލައިފި ކަމަށް ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ފަލަސްތީނުގެ ދައުލަތުގެ މީޑިއާ ވަފާ ނިއުސް އެޖެންސީ އިން ބުނެފައިވަނީ ރެއިން ފެށިގެން ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ދަނީ ޣައްޒާގެ އެކި ހިސާބުތަކަށް ވަރުގަދަ ހަމަލާތައް ދެމުން ކަމަށާއި އެގޮތުން އެންމެ ގިނައިން ހަމަލާދީފައި ވަނީ ނުސައިރަތު ރެފިއުޖީ ކޭމްޕަށް ކަމަށެވެ. ނުސައިރަތު ރެފިއުޖީ ކޭމްޕަކީ ޣައްޒާގެ ރަފަހް ހުސްކުރުމަށް ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން މަޖުބޫރުކުރުމުން ރަފަހް ދޫކޮށް އައި މިލިއަނެއްހާ ފަލަސްތީނުގެ ރައްޔިތުން ވަގުތީ ހިޔާވެހިކަން ހޯދާފައިވާ ރެފިއުޖީ ކޭމްޕެކެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ރޭގައި ވަނީ ނުސައިރަތު ރެފިއުޖީ ކޭމްޕުގައި ހުރި އާންމުން ދިރިއުޅޭ ގެ އަކަށް ބޮން އަޅައި އެ ގެ އެއްކޮށް ސުންނާފަތި ކޮށްލާފައެވެ. އަދި މި އަނިޔާވެރި ހަމަލާގައި އެ ގޭގައި ދިރިއުޅެމުން ދިޔަ ފަލަސްތީނުގެ ކުށެއް ނެތް 5 މީހުން ވަނީ ޝަހީދުވެފައެވެ އަދި ޔަހޫދީން ވަނީ ނުސައިރަތު ރެފިއުޖީ ކޭމްޕުގައި އާންމުން ދިރިއުޅޭ އެހެން ގެ އަކަށް ހަމަލާދީ ފަލަސްތީނުގެ 7 މީހުން ޝަހީދުކޮށްލާފައެވެ.

މި ދެ ހާދިސާ އިން ވެސް ޞާބިތުވަނީ ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދަނީ ހަމާސް އާއި ދެކޮޅު ހަނގުރާމައެއް ނޫން ކަމަށާއި ޔަހޫދީން ހިންގަމުންދަނީ ފަލަސްތީނުގެ އާންމު ރައްޔިތުންނާއި ދެކޮޅަށް ބޮޑު ޤަތުލް އާންމެއް ކަމަށް ފަލަސްތީނުގެ ދައުލަތުގެ މީޑިއާ ވަފާ ނިއުސް އެޖެންސީ އިން ވަނީ ބުނެފައެވެ.

މި މަހު ކުރީ ކޮޅުގައި ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ވަނީ ފަލަސްތީނުގެ ޣައްޒާގެ ނުސައިރަތު ރެފިއުޖީ ކޭމްޕުގައި ވަރަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ހިންގާފައެވެ. އެއީ ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުން ރަހީނުކޮށްފައިވާ ޔަހޫދީ އިސްރާއީލްގެ 4 އަސީރުން މިނިވަން ކުރުމަށެވެ. މި ޤަތުލްއާންމުގައި ޔަހޫދީން ވަނީ ނުސެއިރަތު ރެފިއުޖީ ކޭމްޕުން ފަލަސްތީނުގެ ކުށެއް ނެތް 274 މީހުން ޝަހީދުކޮށްލާފައެވެ.