23:18

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ގަވާއިދާ ހިލާފަށް ވަޒަންވެރި ވެގެން އުޅޭ ޔަހޫދީ އިސްރާއީލްގެ ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާދީ ހަމަނުޖެހުން އުފައްދަމުންދާ ކަމަށް ފަލަސްތީނުގެ ދައުލަތުގެ މީޑިއާ ވަފާ ނިއުސް އެޖެންސީ އިން ބުނެފި.

23:17

އިސްރާއީލުގެ ބަނދަރު ސިޓީއެއް ކަމަށްވާ ހައިފާގެ މަތިން އިސްރާއީލްގެ އަސްކަރީ މަރުކަޒުތައް ދައްކުވައިދޭ މަންޒަރު ފެންނަ ޑްރޯން ފުޓޭޖެއް ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުން އާންމުކުރުމާ ގުޅިގެން ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އަނިޔާވެރި އިސްރާއީލުގެ ހަރުކަށި ޚާރިޖީ ވަޒީރު އިސްރާއީލު ކާޓްޒް އެކަމަށް ރައްދު ދީފި.

22:06

އިސްރާއީލުގެ ބަނދަރު ސިޓީއެއް ކަމަށްވާ ހައިފާގެ މަންޒަރު ފެންނަ ޑްރޯން ފުޓޭޖް ހިޒްބުﷲ އިން އާންމުކުރުމާ ގުޅިގެން އިސްރާއީލުގެ ޚާރިޖީ ވަޒީރު އިސްރާއީލު ކާޓްޒް ރައްދު ދީފި.

22:03

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޣައްޒާގައި މަރާލާފައިވާ މީހުންގެެ އާއިލާ މީހުންނަށް އޭނާގެ ގޭގައި ބާއްވާ ބައްދަލުވުމަކަށް ދައުވަތު ދީފައިވާ ކަމަށް ބައެއް އާއިލާތަކުން އޭއެފްޕީއަށް ބުނެފި.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ޣައްޒާގައި މިހާރުވެސް ތިބި 116 މީހުންގެ ތެރެއިން 41 މީހަކު މަރުވެފައިވާ ކަމަށް.

އެ ސަރަހައްދުން ޖުމްލަ 19 މީހެއްގެ ހަށިގަނޑު މީގެ ކުރިން ފެނިފައިވާއިރު، އެއް ހަފުތާގެ ހަނގުރާމައިގެ އެއްބަސްވުމުގެ ދަށުން ނޮވެމްބަރު މަހު ވަނީ 100 އަށް ވުރެ ގިނަ މީހުން ދޫކޮށްލާފައި.

21:31

ނަބްލޫސްގެ ދެކުނުގައި އޮންނަ ބުރިން އަވަށުގައި އިސްރާއީލު ސިފައިން ފަލަސްތީނުގެ ކާރުތައް އަންދައި ހަލާކުކޮށްލަނީ.

20:49

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ނަބްލޫސްގެ ދެކުނުގައި އޮންނަ ބުރިން އަވަށުގައި އިސްރާއީލުގެ ވަޒަންވެރިން ފަލަސްތީނުގެ ދެ މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި.

20:33

ލުބުނާންގެ ދެކުނުގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުން ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލް ލަދުގަންނަވާލައިފި.

19:02

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ ގަތުލު އާންމުގެ ސަބަބުން ޣައްޒާގެ ސިއްހީ ދާއިރާގެ ބޮޑު ބައެއް ފުނޑުފުނޑުވެ، ކްލިނިކަލް ކެޕޭސިޓީ 70 ޕަސެންޓް ދަށްވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފި.

ނަތީޖާއެއްގެ ގޮތުން ޣައްޒާއިން ދަނީ ހޮސްޕިޓަލްތަކުން ޖާގަނުލިބޭ ބަލިމީހުންނަށް ފަރުވާ ދިނުމަށް ގިނަ ފަހަރަށް އަސާސީ ހިދުމަތްތައް ނުލިބޭ ފީލްޑް ހޮސްޕިޓަލްތަކަށް ބަރޯސާވަމުން

ޖޫން މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ޣައްޒާގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ދިން 476 ހަމަލާއެއް ދީ، 727 މީހުން ޝަހީދުވެ 933 މީހުން ޒަޚަމްކޮށްލާފައި.

19:01

ޑިފެންސް ޓްރޭޑް ޝޯވ އިންތިޒާމުކުރާ ފަރާތްތަކަށް އިސްރާއީލު ކުންފުނިތައް މަނާކުރުން މަޑުޖައްސާލުމަށް ފްރާންސްގެ ކޯޓަކުން އަންގާފައިވާ ކަމަށް ފްރާންސް-އިސްރާއީލް ޗެމްބަރ އޮފް ކޮމާސްގެ ވަކީލު އޭއެފްޕީ ނިއުސް އެޖެންސީއަށް ވިދާޅުވެއްޖެ

18:59

އިސްރާއިލުގެ ސަރުކާރާ ދެކޮޅު މުޒާހަރާގެ ބައިވެރިން ހަމާސްގެ ގޮތްޕެއް ގޮތަށް އަމަލުކުރާ ކަމަށް ތުހުމަތުކޮށް ނެސެޓްގެ މެމްބަރެއް ކަމަށްވާ ނިސިމް ވަތޫރީ މިއަދު ދެއްކި ވާހަކަތަކަަށް މައާފަށް އެދިއްޖެ

18:58

ލުބުނާނުގެ ދެކުނުގައި އޮންނަ ޝެބާ އަވަށުގެ ބޭރުން އިސްރާއީލުން ބޮޑުބަޑީގެ ހަމަލާތަކެއް ދޭން ފަށާފައިވާ ކަމަށް އަލްޖަޒީރާއިން ބުނެފި

17:53

ފަލަސްތީނުގެ ޣައްޒާއަށް ވަދެ އުޅުނު އިސްރާއީލުގެ 70،000 ނިރުބަވެރި ސިފައިން ނުކުޅެދޭ މީހުންނަށް ވެއްޖެ.

17:33

ޣައްޒާ ރައްޔިތުން އީދުގެ ތިން ވަނަ ދުވަސް ފާހަގަ ކުރަން ފަށާފައިވަނީ އިސްރާއީލުން ޝަހީދުކޮށްލާފައިވާ އެމީހުންގެ އާއިލާ މީހުންގެ ހަށިގަނޑުތައް ކައިރީ ރޮމުން

17:12

ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ހުޅަނގުއައްސޭރީގެ ޓޫބަސްގެ އިރުމަތިން އޮންނަ ޓަޔަސާ ޗެކްޕޯސްޓް ކައިރިން ފަލަސްތީނުގެ މީހަކަށް ހަމަލާދީފި.

ނިރުބަވެރި އިސްރާއީލުގެ ސިފައިން މިފަދަ ހަމަލާއެއް ދިން ނަމަވެސް ހަމަލާގެ ތަފްސީލެއް އަދި ލިބިފައެއް ނުވޭ.

16:37

ނިރުބަވެރި އިސްރާއީލުގެ ބައެއް މީހުން ހުޅަނގު އައްސޭރީގެ ބައެއް އަވަށްތަކަށް ހަމަލާތަކެއް ދީފި.

ރިޕޯޓްތަކުން ބުނާ ގޮތުގައި ނިރުބަވެރި އިސްރާއީލުގެ މީހުން ވަނީ ރަމައްﷲގެ އިރުމަތިން އޮންނަ ޑިއާ ޑިބްވަން އަށް ވަދެ އެސަރަހައްދުގައި ތިބި އާންމުންނާއި ދިމާލަށް ގާ އުކާފަ. މި ހަމަލާގައި ތިން މީހަކަށް ވަނީ އަނިޔާވެފަ.

މީގެ އިތުރުން ނަބްލުސްގެ ދެކުނުން އޮންނަ ހުވާރާ ސަރަހައްދުގެ ބައެއް ވެހިކަލްތަކަށް ވެސް ވަނީ ހަމަލާދީފަ

16:24

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ހުއްޓިއްޖެނަމަ، އިސްރާއީލް-ލުބުނާނާއި ދެމެދު ޖެހިފައިވާ މައްސަލަ ހައްލުވާނެ ކަމަށް އެމެރިކާއިން ބުނެފި.

16:10

ޣައްޒާ ސަރުކާރުން ބުނެފައި ވަނީ 3،500 ކުޑަކުދިން ބަނޑުހައި ހޫނުކަމުގެ ތެރޭގައި މަރުވެދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް.

16:09

ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީން ޒަހަމްވެފައިވާ ފަލަސްތީނުގެ ރައްޔިތަކު ޣައްޒާގެ އިންޑޮނޭޝިއަން ހޮސްޕިޓަލަށް ގެންގޮސްފި. އެމީހުން އާންމު ކުރި ވީޑިއޯއެއްގައި ފެންނަނީ އެމީހާގެ އިތުުރުން ޒަހަމްވެ، ހަބަރު ހުސްވެފައިވާ މީހެއްގެ ބޮލުގައި ބެންޑޭޖް އޮޅައި އެހީތެރިވަނިކޮށް.

16:04

ނިރުބަވެރި އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 37,372 އަށް އަރައިފި.

15:23

ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުންދަނީ ކުށްތަކެއް ކަމަށާއި އެކަމުގެ ޒިންމާ އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނަގަން ޖެހޭނެ ކަމަށް ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ.

14:27

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރު ވައްޓާލެވިދާނެ ކަމުގައި އެ ގައުމުގެ އިދިކޮޅު ލީޑަރު ޔައިރް ލަޕިޑް ބުނެފި.

14:04

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓާލުމަށާއި ޣައްޒާ އަށް ގެންދިޔަ އަސީރުން މިނިވަން ކުރުމުގައި އިސްރާއީލްގެ ސަރުކާރު ނުކުޅެދިފައިވާތީ އެ ގައުމުގެ ވެރިންގެ އިސްތިއުފާ އަށް ގޮވާލައި މުޒާހަރާ ކުރާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވާން ފަށައިފި.

13:59

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ ސިޓީ އަށް އަނެއްކާ ވެސް ހަމަލާ ދީފި. މިފަހަރު ވައިގެ ހަމަލާ ދިނީ އެ ސަރަހައްދުގައި ހުރި މަގަކަށް. އެ ހަމަލާގައި ފަލަސްތީނުގެ އެކަކު ޝަހީދުކޮށްލައި އިތުރު ދެ މީހުން ވަނީ ޒަހަމްކޮށްލާފައި.

އިސްރާއީލުން ވަނީ ރެއާއި މިއަދު ހެނދުނު ވެސް ޣައްޒާ ސިޓީ އަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައި.

12:52

އިސްރާއީލާއި ހިޒްބުﷲ އާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކާ ގުޅިގެން މަޝްވަރާ ކުރުމަށް އެމެރިކާގެ ސީނިއާ ސްޕެޝަލް އެންވޯއީ އާމޯސް ހޮޗްސްޓެއިން ލުބުނާންގެ ވެރިރަށް ބެއިރޫތަށް ގޮސްފި.

12:50

އިސްރާއީލްގެ އަސްކަރިއްޔާ އިން ރާމަﷲ ގައި ހިންގި ރެއިޑްތަކުގައި ފަލަސްތީނުގެ ފަސް މީހަކު ހައްޔަރުކޮށްފި.

12:45

ޣައްޒާގެ މެދުތެރޭގައި ރެއާއި މިއަދު ހެނދުނު ހިންގާފައިވަނީ ލޭ އޮހޮރުވުމެއް ކަމުގައި ޣައްޒާގައި ހުރި އަލް-ޖަޒީރާގެ ނޫސްވެރިޔާ ހާނީ މަހްމޫދު ވެސް ބުނެފި. އޭނާ ބުނި ގޮތުގައި އިސްރާއީލުން ހަމަލާ ދީފައި ވަނީ ރަފަހް ދޫކޮށް ދިޔަ ބަޔަކަށް. ވަކިވަކިން ދިން އެ ހަމަލާގައި 17 މީހުން ޝަހީދުކޮށްލި.

ފުރަތަމަ ވައިގެ ހަމަލާގައި 10 މީހުން ޝަހީދުކޮށްލިއިރު އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ. އޭގެ ތެރެއިން ފަސް މީހުންނަކީ އެއް އާއިލާއެއްގެ ބައެއް. މި ހަމަލާގެ ސަބަބުން ގިނަ ބަޔަކު ޒަހަމްވި އިރު، ސީދާ އަދަދު ސާފެއް ނުވޭ. ވެއްޓުނު އިމާރާތުގެ ދަށުގައި ބައެއް މީހުން ތާށިވެފައި ވެސް އެބަތިބި.

ދެވަނަ ހަމަލާ އިސްރާއީލުން ދީފައި ވަނީ އެހެން ގެއެއްގައި ތިބި އާއިލާއަކަށް.

12:41

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރު ނިމުމަކަށް ގެނައުމަކީ ކުރެވިދާނެ ކަމެއް ކަމުގައި އިސްރާއީލްގެ އިދިކޮޅު ލީޑަރު ޔައިރް ލަޕިޑް ބުނެފި. އޭނާ ބުނި ގޮތުގައި އެކަން ކުރެވެން އޮތީ އިދިކޮޅު ހުރިހާ ފަރާތްތަކުން ގުޅިގެން.

10:47

އިސްރާއީލްގެ އިދިކޮޅު ސިޔާސީ މީހެއް ކަމުގައި ބެނީ ގަންޓްޒް، އެމެރިކާގެ ޕްރެސިޑެންޝިއަލް ސްޕެޝަލް އެންވޯއީ އާމޯސް ހޮޗްސްޓެއިން އާ ބައްދަލުކޮށްފި. މި ބައްދަލުވުމަކީ ހިޒްބުﷲ ގެ ފަރާތުން ކުރިމަތިވަމުން އަންނަ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެއް.

10:44

އިސްރާއީލްގެ ސިފައިން، ޣައްޒާގެ އަލް-ރާޝިދު މަގަށް ބޮން އަޅައި ފަލަސްތީނުގެ ދެ މީހަކު ޝަހީދުކޮށްލައިފި. މި މަގަކީ ޣައްޒާގެ އެންމެ މައި ދެ މަގުގެ ތެރެއިންއެއް މަގު. މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ދޭތެރެ ދޭތެރެއިން އެ މަގަށް ވަރުގަދަ ހަމަލާތަކެއް އިސްރާއީލުން ދޭ.

10:42

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލް ސިފައިން ހިންގި ރެއިޑްތަކުގައި ފަލަސްތީނުގެ ބައެއް ރައްޔިތުން ހައްޔަރު ކުރުމަށް ފަހުގައި ސްކޫލެއްގެ ތެރޭގައި ބޭތިއްބި މައްސަލައެއް ފެންމަތިވެއްޖެ.

10:06

ގުދުސްގައި އިސްރާއީލްގެ ރައްޔިތުން މުޒާހަރާ ކުރުމުން، ފުލުހުން ނުކުމެ އެއްވެ ތިބި މީހުން ފޮނުވާލަނީ. މި މުޒާހަރާއާ ގުޅިގެން އަށް މީހަކު ހައްޔަރު ކުރި ކަމަށްވޭ.

10:05

ފަލަސްތީނުގެ ހެބްރޫން ސަރަހައްދުގައި އިސްރާޢީލް ސިފައިން ހިންގި ރެއިޑެއްގައި 16 އަހަރުގެ ކުޑަ ކުއްޖަކު ހައްޔަރުކޮށްފި. އެ ކުއްޖާ ހައްޔަރު ކުރީ އެ ސިޓީ އަށް ވަންނަން ދަނިކޮށް ވެހިކަލެއްގެ ތެރެއިން ކަމަށް ރިޕޯޓުތައް ބުނޭ.

10:03

އިސްރާއީލުން މިއަދު ވަރަށް ހެނދުނާ ނުސެއިރާތު އަދި ބުރެއިޖު ރެފިއުކީ ކޭމްޕަށް ވެސް ބޮން އެޅި. މި ތަންތަން ހުންނަނީ ޣައްޒާގެ މެދުތެރޭގައި. ބުރެއިޖު ރެފިއުޖީ ކޭމްޕްގައި ހުރި ގެއަކަށް ދިން ހަމަލާއެއްގައި ފަލަސްތީނުގެ ރައްޔިތަކު ވަނީ ޝަހީދުކޮށްލާފައި. އަދި ބައެއް މީހުން ޒަހަމްކޮށްލި.

10:01

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތާއި އިސްރާއީލްއާ ދެމެދު ކުރިއަށްދާ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތު. އިސްރާއީލްގެ ހަމަލާތަކުގައި ޣައްޒާ އިން އެކަނި ވެސް 37،347 މީހުން ވަނީ ޝަހީދުކޮށްލާފައި.

އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ސިފައިން ފަލަސްތީނުގެ ނުސެއިރާތު ރެފިއުޖީ ކޭމްޕަށް ރޭގައި ވަރަށް ވަރުގަދަ އަށް ބޮން އަޅައި ލޭއޮހޮރުވުންތަކެއް ހިންގައިފިއެވެ. ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި އިސްރާއީލުން ނުސެއިރާތަށް ދިން ހަމަލާތަކުގައި ރޭގައި އެކަނި ވެސް 17 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

މި މީހުން ޝަހީދުކޮށްލާފައި ވަނީ ވަކިވަކިން އެ ސަރަހައްދަށް ދިން ހަމަލާތަކުގައެވެ. އެ ތަނުން އެއް ހަމަލާގައި ފަސް ވަރަކަށް މީހުން ޝަހީދުކޮށްލި އިރު، އިތުރު ހަމަލާއެއްގައި މަދުވެގެން ހަތް މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ކުރިން ބުނެފައިވެއެވެ.

އިސްރާއީލުން މީގެދުވަސްކޮޅެއް ކުރިން ހަމަ އެ ސަރަހައްދުގައި ހުރި ގެތަކަށް ހަމަލާދީ 274 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އިސްރާއީލުން އެ ހަމަލާތައް ދިނީ އެ ސަރަހައްދުގައި ތިބި ހަތަރު އަސީރުން ސަލާމަތް ކުރުމަށް ކަމަށް ބުނެފައިވެއެވެ.

މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ އިސްރާއީލާއި ޣައްޒާއާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތެވެ.