އިންޑިއާގެ ކެރެލާގައި ކާނާ ވިހަވުމުގެ ސަބަބުން، 340 އަށް ވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުމުން ކައްކަން ބޭނުންކުރާ ފެން ތަޣައްޔަރުވެފައިވޭތޯ ބަލަން ފަށައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ކެރެލާގެ ކޮޗީ ކައިރީގައި އޮންނަ ކައްކާނާޑްގައި ހުންނަ އެޕާޓްމަންޓް ކޮމްޕްލެކްސްއެއްގައި ވިހަ ކާނާ ކެވުމުން ކުޑަކުދިން ހިމެނޭ ގޮތަށް ފާއިތުވީ ދެތިން ދުވަހު 340 މީހުންނަށް ފަރުވާ ދޭން ޖެހުނެވެ. އެހެންކަމުން އެ ސަރަހައްދުގެ މުނިސިޕަލްޓީ އާއި ސިއްޙީ ދާއިރާގެ މީހުން ގުޅިގެން ވަނީ ކައްކަން ބޭނުންކުރާ ބޯފެނުގެ ކޮލިޓީ ބަލަން ތަހުޤީގެއް ފަށާފައެވެ.

ކެރެލާގެ ހެލްތު މިނިސްޓަރު ވީނާ ޖޯޖް ވިދާޅުވީ، ފަހަކަށް އައިސް އިންޑިއާގައި ފެން ތަޣައްޔަރުވުމުގެ ހާދިސާތައް ހިނގަމުންދާ ކަމަށާއި، އެތައް ހާސް އާއިލާތަކެއް އެޕާޓްމަންޓް ކޮމްޕްލެކްސްތަކުގައި ދިރިއުޅެމުންދާތީ އެއީ ސީރިޔަސް މައްސަލައެއް ގޮތުގައި ބަލަމުންދާ ކަމަށެވެ. އަދި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުތަކާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ޑިރެކްޓަރޭޓް އޮފް ހެލްތު ސާވިސަސްއަށް އަންގާފައިވާނެ ކަމަށް ވެސް ވީނާ ވިދާޅުވިއެވެ.

ރިޕޯޓްތައް ބުނާގޮތުން ކާނާ ވިހަވެގެން މިހާތަނަށް 700 އަށް ވުރެ ގިނަ މީހުން ވަނީ ފަރުވާ ހޯދާފައެވެ. އޭގެ ތެރެއިން ގިނަ ކޭސްތައް ރަސްމީކޮށް ރިޕޯޓުކޮށްފައި ނުވެއެވެ. ހެލްތު ޑިޕާޓްމަންޓުން ލިބުނު ރަސްމީ ރިޕޯޓްތަކުން ދައްކާ ގޮތުގައި ގާތްގަނޑަކަށް 340 މީހުން ފަރުވާ ހޯދިއެވެ.

އެޕާޓްމަންޓް ކޮމްޕްލެކްސް ދުވަހުން ދުވަހަށް ހިންގުމުގެ ކަންކަން ބަލަހައްޓާ ފަރާތްތަކުން ސިއްހީ އިދާރާތަކަށް އެ މައްސަލަ އަންގަން ޖެހޭކަން ފާހަގަކުރައްވަމުން ވީނާ ވިދާޅުވީ އޭގެ ތެރެއިން ގިނަ ކޭސްތައް ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން އުސޫލުތަކާއި ޚިލާފަށް ކަންތައް ކޮށްފައިވާތީ އެފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ކެރެލާގެ ތުރިކަކަރާ މުނިސިޕަލްޓީގެ އެޕާޓްމަންޓް ކޮމްޕްލެކްސްގެ ބައެއް މީހުން ވެސް ކާނާ ވިހަވެގެން ބަލިވިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އޭނާގެ އަމުރަށް ސިއްހީ އޮފިޝަލުން އެ ސަރަހައްދު ވެސް އިންސްޕެކްޓް ކުރަމުންދާ ކަމަށެވެ. އަދި ބަލިވެގެން އަމިއްލަ ހޮސްޕިޓަލްތަކުން ފަރުވާ ހޯދި މީހުންގެ ލިސްޓު މިހާރު ނަގާފައިވާ ކަމަށް ވީނާ ވަނީ ވިދާޅުވެފައެވެ.

މުނިސިޕަލް އޮތޯރިޓީން ބުނާގޮތުން އެ އެޕާޓްމެންޓް ކޮމްޕްލެކްސްގެ ފެން ވަނީ ޓެސްޓުކޮށްފައެވެ. ނަމަވެސް އަދި ނަތީޖާ ނުލިބޭ ކަމަށާއި ކާނާ ވިހަވުމުގެ ސަބަބަކަށް ފެން ވާނެކަމަށް ޤަބޫލު ނުކުރެވޭ ކަމަށް މުނިސިޕަލްޓީ އިން ބުނެއެވެ.

މުނިސިޕަލްޓީން ބުނީ، ގިނަ މީހުން ކާނާ އޯޑަރުކޮށްގެންނާއި ބޭރަށް ގޮސް ކައި ހަދާތީ ވިހަވީ އެކަހަލަ ގޮތަކަށް ކެވުނު ކާނާއިން ކަމަށް ވެދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު