ރަޝިއާގެ ރައީސް، ވްލަޑްމީރް ޕޫޓިން 24 އަހަރު ފަހުން އުތުރު ކޮރެއާ ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޕޫޓިން އުތުރު ކޮރެއާއަށް ވަޑައިގަންނަވާނީ މިއަދުގެ ވަގުތެއްގައެވެ. މިއަދު ޕޫޓިން އުތުރު ކޮރެއާއަށް ވަޑައިގަންނަވާއިރު، މިދިޔަ ސެޕްޓެމްބަރު މަހުގައި އުތުރު ކޮރެއާގެ ލީޑަރު، ކިމް ޖޮން އުން އާއި ޕޫޓިން ވަނީ ރަޝިއާގައި ބައްދަލު ކުރައްވާފައެވެ. މި ބައްދަަލުވުމަށްފަހު، ކިމް ވަނީ ޕޫޓިން އެގައުމަށް އައުމުގެ ދައުވަތު ދެއްވައިފައެވެ.

އެންމެ ފަހުން ޕޫޓިން އުތުރު ކޮރެއާއަށް ޒިޔާރަތް ކުރެއްވީ 2000 ވަނަ އަހަރުއެވެ.

އުތުރު ކޮރެއާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޕޫޓިން ވަނީ އުތުރު ކޮރެއާއާއި އެކު ވިޔަފާރީގެ ގުޅުމާއި ސަލާމަތީ ނިޒާމުތައް ގާއިމު ކުރުމަށް ވައުދުވެވަޑައިގެންފައެވެ. މި ކަމަކީ ހުޅަނގުން ކޮންޓްރޯލް ނުކުރެވޭނެ ގޮތަށް ކުރެވޭ ކަމެއް ކަމަށް ވެސް ޕޫޓިން ވަނީ އޭރު ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް ޕޫޓިން ވަނީ އެމެރިކާގެ ޕްރެޝަރާއި ބެލްކްމެއިން އަދި އަސްކަރީ އިންޒާރުތަކުން އުތުރު ކޮރެއާ ދިފާއުވުުމަށް ކުރުމުންދާ މަސައްކަތަށް ވެސް ތާއިދު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

ޕޫޓިން އުތުރު ކޮރެއާ ކުރާ ދަތުރުގެ މާ ބޮޑު ތަފްސީލެއް އަދި އެނގިފައި ނުވި ނަމަވެސް، އެ ދަތުރުގެ ތެރެއިން ބައެއް އެއްބަސްވުންތަކުގައި ދެގައުމުން ސޮއި ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.