އުތުރު ކޮރެއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ކުރިން ރަޝިއާ އިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގައި އުތުރު ކޮރެއާ އިން ދޭ އެހީތެރިކަމަށް ޕުޓިން ތައުރީފު ކުރައްވައިފިއެވެ.

މި ހަފްތާ ތެރޭގައި ކުރަން ހަމަޖެހިފައިވާ ރަސްމީ ދަތުރުފުޅުގައި ރަޝިޔާގެ ލީޑަރު ޕުޓިން އުތުރު ކޮރެއާގެ ޒައީމް ކިމް ޖޮން-އުންއާ އެކު މަޝްވަރާ ކުރައްވާނީ ދެ ގައުމުގެ ސަލާމަތީ އަދި އިގްތިސާދީ ގުޅުންތައް ފުޅާކުރުމާއި އިތުރަށް ހަރުދަނާ ކުރުމަށް ކަމަށް ރަޝިއާގެ މީޑިއާ ތަކުން ބުނެއެވެ.

ރަޝިއާގެ ރައީސް ވިލެޑްމިއަރ ޕޫޓިން 2000 ވަނަ އަހަރުގެ ފަހުން އުތުރު ކޮރެއާ އަށް ކުރާ ފުރަތަމަ ދަތުރުގައި އެ ގައުމުގެ ވެރި ރަށް ޕޮޔަންގްޔަންގް އަށް ވަޑައިގެން އުތުރުކޮރެއާގެ ލީޑަރ ކިން ޖޮންގަ އުން އާއި ބައްދަލުކުރައްވައި ހުޅަނގުގެ ގައުމުތަކުންނާއި އެމެރިކާ އިން ރަޝިއާ އަދި އުތުރު ކޮރެއާ ދެމެދު އަޅާފައިވާ ހަރުކަށި މާލީ ދަތިކުރުމުގެ ފިޔަވަޅުތަކާއި އެކީ ވެސް ދެ ގައުމުގެ އިޤްތިޞާދު ހަރުދަނާ ކުރަން ކުރެވިދާނެ ކަންކަމާއި މެދު މަޝްވަރާކުރަން ވަނީ ހަމަޖެހިފައި ކަމަށް ރަޝިއާގެ ރިއާސީ ގަނޑުވަރު ކެރްލަމިން އިން މައުލޫމާތުދެއެވެ.

ޕުޓިން އުތުރު ކޮރެއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް އެޖެންސް ފްރާންސް-ޕްރެސްއިން ރިޕޯޓްކޮށްފައިވާ އިރު، ރަޝިޔާގެ އަސްކަރިއްޔާއާއި ރަޝިއާގެ ޑިފެންސް އިންޑަސްޓްރީގައި ހަތިޔާރު ހޯދުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން ސަރުކާރުގެ ވަޒީރުންނާއި އެޑްވައިޒަރުންގެ ވަފުދެއް ޕުޓިންގެ އަރިހުގައި ވަޑައިގަންނަވާނެއެވެ.

މި ދަތުރުގައި ބައިވެރިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ރައީސް ޕުޓިންގެ އައު ޑިފެންސް މިނިސްޓަރު އަންދްރޭ ބެލޫސޮވް އާއި ދިފާއީ ދާއިރާ ބަލަހައްޓަވާ ބޮޑުވަޒީރުގެ އެންމެ އިސް ނައިބު ޑެނިސް މަންޓޫރޯވްއެވެ.

އުތުރު ކޮރެއާގެ ސެންޓްރަލް ނިއުސް އެޖެންސީއަށް އަންގާރަ ދުވަހު ލިޔުއްވި ރަސްމީ ލިޔުމެއްގައި ޕުޓިން ވަނީ ޔޫކްރެއިންގައި ރަޝިއާ އިން ކުރަމުންދާ ހަނގުރާމަ އަށް އުތުރު ކޮރެއާއިން ވަރަށް ހަރުދަނާ ގޮތެއްގައި ތާއީދުކުރާތީ ރަޝިއާ އާއި އުތުރު ކޮރެއާގެ ދެމެދުގައިވާ ޒަމާންވީ ގުޅުން އާ އުސްމިންތަކަށް ގެންދާނެކަމުގެ ވައުދުވެފައެވެ.