ފަލަސްތީނުގެ ޣައްޒާގެ އެންމެ ދެކުނުގައި އޮންނަ ރަފަހްގައި އާންމުން ދިރިއުޅެމުން އަންނަ ޓެންޓުތަކަކަށް ހަމަލާދީ ގަތުލުއާންމެއް މިއަދު ހިންގައިފިއެވެ.

އިސްރާއީލުން ވައިގެ މަގުން ބޮން އަޅާފައި ވަނީ ރަފަހްގެ ހުޅަނގު އުތުރުން އޮންނަ އަލް-މަވާސީއަށެވެ. އިސްރާއީލުން މީގެކުރިން ބުނެފައިވާ ގޮތުގައި އެ ސަރަހައްދަކީ އާންމުން ދިރިއުޅެން ރައްކާތެރި ތަނެކެވެ. އަދި އެ ސަރަހައްދަކީ "އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޒޯނެއް"ގެ ގޮތުގައި ވެސް ކަނޑައަޅާފައިވާ ޒޯނެކެވެ. އެކަމަކު، އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިން މިއަދު ހެނދުނު އެ ސަރަހައްދަށް ބޮން އަޅައި ފަލަސްތީނުގެ ހަތް މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ.

އަދި 12 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލާފައިވާ ކަމަށް ވެސް ފަލަސްތީނުގެ ވަފާ ނިއުސް އެޖެންސީން ވަނީ ރިޕޯޓުކޮށްފައެވެ.

ވަފާ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލުން ވައިގެ މަގުން ބޮން އެޅުމާ ގުޅިގެން އަލް-މަވާސީ ސަރަހައްދުގައި ހުރި ޓެންޓުތަކެއްގައި އަލިފާން ރޯވިއެވެ. އެކަމަކު، އަލިފާން ރޯވެގެން ފަލަސްތީނުގެ ކިތައް މީހުންނަށް އަނިޔާވި ކަމެއް އަދި ސާފެއް ނޫނެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ވަނީ ޣައްޒާގެ ހާން ޔޫނުސް ސިޓީގެ ހުޅަނގު ދެކުނުގައި ހުރި ޓެންޓުތަކަށް އަމާޒުކޮށް ވެސް ބޮން އަޅައިފައެވެ. އެކަމަކު، މިހާތަނަށް އައިއިރު އެ ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެގެން ރިޕޯޓުކޮށްފައި ނުވާ ކަމަށް ވަފާ ނިއުސް އެޖެންސީން ބުނެއެވެ.

މީގެއިތުރުން އިސްރާއީލުން ވަނީ ރަފަހްގެ ހުޅަނގުގައި އޮންނަ އަވަށެއް ކަމަށްވާ ސައުދީ އަވަށަށާއި މެދުތެރޭގައި އޮންނަ ނުސެއިރާތު ރެފިއުޖީ ކޭމްޕްގެ އުތުރުގައި އޮންނަ އަލް-މުގްރަގާ އަވަށުގައި ހުރި ގެތަކަށް ވެސް ބޮން އަޅައިފައެވެ. ޣައްޒާގެ މެދު ތެރޭގައި އޮންނަ ޣައްޒާ ސިޓީ އަށް ދިން ހަމަލާގައި ފަލަސްތީނުގެ ހަ މީހަކު ޝަހީދުކޮށްލި އިރު، އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މިހާރު ހަމާސް އިން ވެއްޖެ އެއް ނު ކުޑަ ކުދިންނާއި ، އަންހެނުންނާއި ، އުމުރުން ދުވަސްވީ މީހުންނާއި ، ބަލިމީހުންނަށް ރައްކާތެރި ކަމެއް ލިބޭނެ ގޮތަށް ބިންގަރާސްތަކުގައި އެމީހުންނަށް އުޅެވޭނެ ގޮތް ހަދައިދީފައި ތިޔަ ހަނގުރާމަ ކުރަން . އިޒްރޭއިލް ނުލަފާ ވެރިން ދުނިޔޭގެ އެއްވެސް ކޯޓެއް ބުނާ ގޮތަށް ނަހަދާ ، ދުނިޔޭގައިި ވަގުތު ތިބި އެންމެ ފަހުގެ ކޮލިޓީ ހަތިޔާރާއި ބޮމާއި މިސައިލް ބޭނުންކޮށްގެން މުޅި ފަލަސްތީން ސުންނާފަތި ކުރަމުން އެދަނީ.. ބަޔަކު ދުނިޔޭގައި ތިބެގެން މުސްތަގުބަލުގައި ތިޔަ ބިން ހިމާޔަތް ކުރެވޭނީ.. އެހެންވީމައި އެތަނުގައި ތިބި
    ކުޑަ ކުދިންނާއި ، އަންހެނުންނާއި ، އުމުރުން ދުވަސްވީ މީހުންނާއި ، ބަލިމީހުން ރައްކާތެރިކަން ދިނުމަށް ހަމާސްއައި އިޒްރޭލަށް ގޮވާލަން .

    • މަރުދުރު

      މާ ހަމަޖެހޭ ވާހަކައެއް ނޫން. 70 އެތައް އަހަރެއް ވަންދެން މީހުން އެމެރީ ހަމާސް ޖަމާއަތް އޮވެގެންތަ؟ ކަލޭ އެތައް އަހަރެއްވީ ލޭއޮހޮރުވުމެއް ތި އަޅުވަނީ ހަމާސް ބޮލުގައި. އައްޒާ އަކީ އިސްރާއީލުން ބަންދު ކޮއްގެން އުޅެތަނެއް. ތި ހަނގުރާމަ ކުރިއަސް ނުކުރިއަސް އެމީހުންނަށް އޮތީ މަރު