22:33

މިހާރު ހިނގަމުންދާ ކުރިމަތިލުންތައް ފުރިހަމަ ހަނގުރާމައަކަށް ބަދަލުވެއްޖެނަމަ އިސްރާއީލުގެ އެއްވެސް ތަނެއް ރައްކާތެރި ނުވާނެ ކަމުގެ އިންޒާރު ލުބްނާންގެ ހަތިޔާރު އެޅި ޖަމާއަތް ހިޒްބުﷲ އިން ދީފި.

21:43

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމުގެ ސަބަބުން ތުއްތު ކުދިންގެ ހަށިގަނޑުން ފެންނަނީ ބޮމުގެ ސަބަބުން ހަށިގަނޑުގައި އަލިފާން ހިފާ އަނދައިގެން ގޮސްފައިވާ މަންޒަރުތައް ކަމަށް ޣައްޒާގައި ހަރަކާތްތެރިވަމުންދާ ސާޖަންއަކު ވިދާޅުވެއްޖެ.

20:42

މީގެ އަށް މަހަށްވުރެ ގިނަ ދުވަސް ކުރިން ހަނގުރާމަ ފެށި ފަހުން، ޣައްޒާގެ ނަރުދަމާ އާއި ފެނުގެ ވަސީލަތްތަކުގެ ގާތްގަނޑަކަށް 67 ޕަސެންޓް ހަލާކުވެފައިވާ ކަމަށް ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ.ގެ ރިލީފް އެންޑް ވޯކްސް އެޖެންސީން ބުނެފި.

ޔޫއެންއާރުޑަބްލިއުއޭ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ގައިންގަޔަށް އަރާ ބަލިތައް ފެތުރެމުން ދިއުމާއި ފިނިހޫނުމިން އިތުރުވަމުންދާއިރު ސާފުތާހިރުކަން ނެތުމާއި ހަށިގަނޑަށް ބޭނުންވާ ފެން ނުލިބުމުގެ ސަބަބުން ޣައްޒާގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ ސިއްހަތަށް ނުރައްކާވާ ކަމަށް.

20:42

ނިރުބަވެރި އިސްރާއީލުން ހައްޔަރުކޮށްގެން ސުވާލު ކުރަން ގެންދިޔަ ޣައްޒާގެ އިސް ޑޮކްޓަރަކު ޝަހީދުކޮށްލައިފި.

 

19:58

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ ގަތުލު އާންމާއި ގުޅިގެން ގަތަރުގެ އޮފިޝަލުންނާ ބައްދަލު ކުރެއްވުމަށް އީރާނުގެ އެކްޓިން ފޮރިން މިނިސްޓަރު އަލީ ބަގޭރީ ދޯހާއަށް ވަޑައިގަންނަވަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

19:03

މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން ގެންދާ ހަމަލާތަކުގައި ގަސްތުގައި ފަލަސްތީނުގެ އާންމުންނަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށް އދ އިން ބުނެފި.

17:56

ޣައްޒާ ސިޓީގެ ސަބްރާ އަވަށުގެ ގެއަކަށް އިސްރާއީލު ސިފައިން ބޮން އަޅައިފި.

އިސްރާއީލުން އެ ސިޓީގެ ޒީތޫން އަވަށަށް ވެސް ދިން ހަމަލާއެއްގައި ފަލަސްތީނުގެ އިތުރު ބަޔަކު ޒަހަމްވެފައިވާ ކަމަށްވެސް އަލްޖަޒީރާއިން ބުނެފައިވޭ.

މި ހަމަލާތައް ދީފައި މިވަނީ ޣައްޒާ ސިޓީގެ އެހެން ގެއަކަށް ރޭ ދިން ވައިގެ ހަމަލާގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ހަ މީހަކު ޝަހީދުވި ފަހުން.

17:52

އިސްރާއީލުގެ އުތުރުގެ ސިޓީއެއް ކަމަށްވާ ކިރިޔަތު ޝްމޯނާގެ ވަށައިގެން ސައިރަންގެ އަޑު ގަދަވެފައިވާއިރު، އެ ސަރަހައްދަށް ހިޒްބުﷲ އިން ރޮކެޓް ހަމަލާތަކެއް ދީފަައިވާ ކަަމަށް ބުނެފި.

ލުބުނާނުގެ ޖަމާއަތުން ބުނީ ބައެއް ރޮކެޓްތައް އެ ސިޓީގައި ހުންނަ އިސްރާއީލުގެ 769 ވަނަ އީސްޓާން ބްރިގޭޑްގެ ހެޑްކުއާޓަރަށް ހަމަލާދީފައިވާ ކަމަށެވެ.

ޓައިމްސް އޮފް އިސްރާއީލުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަމަލާތަކުގައި ބައެއް ސަރަހައްދުތަކުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވޭ.

17:16

ލުބުނާނުގެ ދެކުނުގެ އަވަށެއް ކަމަށްވާ ޔަރޮންއަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ޝަހީދުވި ތިން މީހުންނަކީ ހިޒްބުﷲގެ މެމްބަރުން ކަމަށް ލުބުނާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފި.

 

17:14

ޣައްޒާގައި ހިިންގަމުންދާ ގަތުލު އާންމު މާ އަވަހަށް ނިމުމަކަށް ގެނައުމަކީ ހަމާސް އަށް ގެއްލުމުން އަރައިގަންނަން ފުރުސަތު ލިބި، އިސްރާއީލުގެ ސަރަހައްދީ ދުޝްމަނުންނަށް ބަލިކަށިކަމުގެ އިޝާރާތެއް ލިބިގެންދާނެ ކަމުގެ އިންޒާރު އިސްރާއީލުގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ކުރީގެ ވެރިޔާ މީރް ބެން-ޝައްބަތު ދީފި.

15:47

ފަލަސްތީނުގެ ޣައްޒާގެ އެންމެ ދެކުނުގައި އޮންނަ ރަފަހްގައި އާންމުން ދިރިއުޅެމުން އަންނަ ޓެންޓުތަކަކަށް ހަމަލާދީ ބަޔަކު ޝަހީދުކޮށްލައި، ގިނަ އަދަދެއްގެ ބަޔަކު ޒަހަމްކޮށްލި އިރު، ކުޑަކުދިންތައް ތިބީ ނިދާފައި ކަމަށް މަންޒަރު ދުށް ބައެއް މީހުން މިއަދު ބުނެފި.

15:36

ނިރުބަވެރި އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 37,396 އަށް އަރައިފި.

15:27

އިސްރާއީލްގެ ހަމަލާތަކާ ގުޅިގެން ފަލަސްތީނުގެ ޣައްޒާ އިން މިއަދު އެކަނި ވެސް 18 މީހުން ޝަހީދުވެފައިވާ ކަމަށްވޭ.

15:24

އިސްރާއީލުން ޣައްޒާގެ ޓެންޓުތަކަށް ހަމަލާދިން އިރު، ކުޑަކުދިން ތިބީ ނިދާފައި ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެފި.

15:22

ލުބުނާންގެ ނިއުސް އެޖެންސީން ރިޕޯޓު ކުރާ ގޮތުގައި ހިޒްބުﷲ ގެ ލީޑަރު ނަސްރުﷲ މިއަދުގެ ވަގުތެއްގައި ހާއްސަ ތަގްރީރެއް ދިނުމަށް ވަނީ ހަމަޖެހިފައި.

15:21

އިސްރާއީލުން ލުބުނާންގެ ދެކުނުގެ ސަރަހައްދުތަކަށް ވައިގެ މަގުން ހަމަލާދީ، ތިން މީހަކު ޝަހީދުކޮށްލައިފި.

13:41

އިސްރާއީލް އާއި ލުބުނާންގެ ހިޒްބުﷲ ޖަމާއަތާ ދެމެދު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ބޮޑުވެއްޖެ.

13:01

ދ. ކުޑަހުވަދޫގައި އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން ރޭވި ކުޅިވަރު ހަރަކާތްތައް މަޑުޖައްސާލައި ކުޑަހުވަދޫ ރައްޔިތުން ފަލަސްތީނުގެ ހައްގުގައި ހާއްސަ ހިނގާލުމެއް ބާއްވައިފި.

12:26

އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ޖައްބާރު ސިފައިންނާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ޖިހާދު ކުރަމުން އަންނަ ހަމާސް ޖަމާއަތާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމާ ގުޅޭ ގޮތުން ގަތަރުގެ ބޮޑުވަޒީރު ޝައިހު މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލް ޘާނީ އާއި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާއާ އިއްޔެ ބައްދަލު ކުރައްވައިފި.

12:16

އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހިންގި ރެއިޑްތަކުގައި ފަލަސްތީނުގެ 20 މީހަކު ހައްޔަރުކޮށްފި.

12:07

ރަފަހަށް ވައިގެ މަގުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ އެކަކު ޝަހީދުކޮށްލައިފި. މި ހަމަލާދީފައި ވަނީ މަވާސީގައި ހުރި ޓެންޓުތަކަށް އަމާޒުކޮށް އިސްރާއީލުން ހަމަލާތަކެއް ދިން ފަހުން.

އިސްރާއީލްގެ ޑްރޯންތަކާއި ވެހިކަލްތަކާއި ކަނޑުގެ އުޅަނދުތަކުން ދަނީ ނުސެއިރާތު ކޭމްޕްގެ އެކި ސަރަހައްދުތަކަށް ހަމަލާ ދެމުން.

11:59

ޓައިމްސް އޮފް އިސްރާއީލުން ރިޕޯޓު ކުރާ ގޮތުގައި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ ވަނީ ގަތަރުގެ ބޮޑުވަޒީރާ ބައްދަލު ކުރައްވައި ހަނގުރާމަ ހުއްޓާލުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައި. މި މަޝްވަރާ ބައްދަލުވުން ކުރިއަށް ދިޔައީ އިއްޔެގެ ވަގުތެއްގައި ކަމަށްވޭ.

11:51

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ރެފިއުޖީ ކޭމްޕްތަކަށް ދީފައި ހުރި ހަމަލާ.

11:47

ރަފަހްގައި އިސްރާއީލް ސިފައިންނާއި ހަމާސްގެ މުޖާހިދުންނާ ދެމެދު ކުރިމަތިލުންތައް ހިނގަމުންދާ މަންޒަރު.

10:19

ޔަމަންގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަމުން އަންނަ ހޫތީ ހަނގުރާމަވެރިން ރަތް ކަނޑުން ދަތުރު ކުރި މުދާ އުފުލާ ބޯޓަކަށް ދިން ހަމަލާއެއްގައި އެ ބޯޓު އަޑިއަށް ގޮސްފި.

10:18

ފަލަސްތީނުގެ ޣައްޒާގެ އެންމެ ދެކުނުގައި އޮންނަ ރަފަހްގައި އާންމުން ދިރިއުޅެމުން އަންނަ ޓެންޓުތަކަކަށް ހަމަލާދީ ގަތުލުއާންމެއް މިއަދު ހިންގައިފި.

10:18

ފަލަސްތީނުގެ ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 37،372 އަށް އަރާފައި.

އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ސިފައިން ފަލަސްތީނުގެ އެކި ހިސާބުތަކުގައި ގަތުލުއާންމުތައް ހިންގަމުން އަންނަތާ 257 ދުވަސްވެފައިވާ އިރު، އިސްރާއީލުން އެންމެ ފަހުން ހަމަލާ ދީފައި ވަނީ ޣައްޒާގައި ޓެންޓުތައް ޖަހައިގެން މީހުން ތިބި ސަރަހައްދަކަށް އަމާޒުކޮށެވެ.

މި ހަމަލާގައި އެކަނި ވެސް ފަލަސްތީނުގެ ހަތް މީހަކު ޝަހީދުކޮށްލައި 12 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލައިފައެވެ.

މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ އިސްރާއީލާއި ޣައްޒާއާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތެވެ.