ނިރުބަވެރި އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 37,396 އަށް އަރައިފިއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 24 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި ޒަހަމްކޮށްލި މީހުންގެ އަދަދު ވެސް 71 އަށް އަރައެވެ. އިސްރާއީލްގެ ހަމަލާތަކާ ގުޅިގެން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި އެތައް ބަޔަކު އެބަތިބިއެވެ.

މިއާ އެކު، މިދިޔަ އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް އައިއިރު ޣައްޒާ އިން ޝަހީދުކޮށްލި މީހުންގެ އަދަދު ވަނީ 37،396 އަށް އަރައިފައެވެ. އަދި ޒަހަމްކޮށްލި މީހުންގެ އަދަދު ވަނީ 85،523 އަށް އަރައިފައެވެ.

ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކަކީ ހަމާސް ޖަމާއަތުގެ މުޖާހިދުންނަށް ދެމުން އަންނަ ހަމަލާތަކެއް ކަމަށް އިސްރާއީލުން ބުނި ނަމަވެސް މި ހަމަލާތަކުގައި އެންމެ ގިނައިން ޝަހީދުވެފައިވަނީ ޣައްޒާގެ ކުޑަކުދިން، އަންހެނުން، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ކުށެއް ނެތް އާންމު ރައްޔިތުން ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ.

ނިރުބަވެރިން ހަމަލާތައް ދެމުން އަންނަ ސަރަހައްދުތަކުގެ ތެރޭގައި ޣައްޒާގެ އާންމުން ދިރިއުޅޭ ގެތައް، ރެފިއުޖީ ކޭމްޕްތައް، ސްކޫލްތައް އަދި ހޮސްޕިޓަލް ފަދަ ތަންތަން ހިމެނެއެވެ.

މިނިސްޓްރީން ބުނެފައިވަނީ ޝަހީދުވެފައިވާ މީހުންގެ އަދަދުތައް ބަލާފައިވަނީ ފެނިފައިވާ މީހުންނާއި ހޮސްޕިޓަލްތަކަށް ގެންގޮސް، މިނިސްޓްރީގެ ރިކޯޑްތަކުގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް ބަލާފައި ކަމަށެވެ. އެހެން ކަމުން ސުންނާފަތިވެފައިވާ އިމާރާތްތަކާއި ގެއްލިފައިވާ މީހުންގެ އަދަދާއި އެކީ މި އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. މިނިސްޓްރީން ލަފާ ކުރާ ގޮތުގައި އިމާރާތްތަކުގެ ދަށުގައި 10،000 އަށް ވުރެ ގިނަ މީހުން ވާނެ ކަމަށް ބެލެވެއެވެ.