ފަލަސްތީނުގެ ޣައްޒާގެ އެންމެ ދެކުނުގައި އޮންނަ ރަފަހްގައި އާންމުން ދިރިއުޅެމުން އަންނަ ޓެންޓުތަކަކަށް ހަމަލާދީ ބަޔަކު ޝަހީދުކޮށްލައި، ގިނަ އަދަދެއްގެ ބަޔަކު ޒަހަމްކޮށްލި އިރު، ކުޑަކުދިންތައް ތިބީ ނިދާފައި ކަމަށް މަންޒަރު ދުށް ބައެއް މީހުން މިއަދު ބުނެފިއެވެ.

އިސްރާއީލުން ވައިގެ މަގުން ބޮން އަޅާފައި ވަނީ ރަފަހްގެ ހުޅަނގު އުތުރުން އޮންނަ އަލް-މަވާސީއަށެވެ. އިސްރާއީލުން މީގެކުރިން ބުނެފައިވާ ގޮތުގައި އެ ސަރަހައްދަކީ އާންމުން ދިރިއުޅެން ރައްކާތެރި ތަނެކެވެ. އަދި އެ ސަރަހައްދަކީ "އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޒޯނެއް"ގެ ގޮތުގައި ވެސް ކަނޑައަޅާފައިވާ ޒޯނެކެވެ. އެގޮތަށް އިސްރާއީލުން ކަނޑައަޅާފައިވާތީ ފަލަސްތީނުގެ ބައެއް ރައްޔިތުން ޓެންޓު ޖަހައިގެން ދިރިއުޅެމުން ގެންދިޔައީ އެ ތަނުގައެވެ.

އެކަމަކު، އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިން މިއަދު ހެނދުނު އެ ސަރަހައްދަށް ބޮން އަޅައި ފަލަސްތީނުގެ ހަތް މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ. އަދި 10 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލާފައިވާ އިރު، އެމީހުންނަށް ހޮސްޕިޓަލްތަކުގައި ފަރުވާދެމުން އަންނަ ކަމަށްވެއެވެ.

އިސްރާއީލުން އެ ހަމަލާ ދިން ވަގުތު ޓެންޓުތައް ކައިރީގައި ހުރި އަންހެނެއް ކަމަށްވާ ފާތިމާ އަލް ގިގް "އަލް-ޖަޒީރާ" އަށް ބުނީ އިސްރާއީލުން ބޮން އެޅީ ކުޑަކުދިން ނިދާފައި ތިބި ވަގުތެއްގައި ކަމަށެވެ. އުމުރުން ދުވަސްވީ އެ އަންހެން މީހާއަކީ ވެސް އެ ސަރަހައްދުގައި ހުރި ޓެންޓެއްގައި ދިރިއުޅޭ މީހެކެވެ. އެކަމަކު، އިސްރާއީލްގެ ހަމަލާ އޭނާ ދިރިއުޅޭ ޓެންޓަށް އަމާޒުވެފައެއް ނުވެއެވެ. އެހެންވެ، އެ އަންހެން މީހާ ވަނީ އެ ހަމަލާ އިން ސަލާމަތްވެފައެވެ.

"އިސްރާއީލްގެ ހަމަލާ އަމާޒުވީ ރައްކާތެރި ކަމަށް ބުނާ ސަރަހައްދަށް. ކުޑަކުދިން ތިބީ ނިދާފައި،" އަންހެން މީހާ ބުންޏެވެ.

އެމީހާ ބުނި ގޮތުގައި ރެސްކިއު ޓީމުތަކުން އެ ސަރަހައްދަށް ވަގުތުން ނައި ނަމަ، އެ ހުރިހާ ޓެންޓުތަކެއް އަނދައި އަޅިއަށް ވީސް ކަމަށެވެ.

މިދިޔަ އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް އައިއިރު ޣައްޒާ އިން ޝަހީދުކޮށްލި މީހުންގެ އަދަދު ވަނީ 37،396 އަށް އަރައިފައެވެ. އަދި ޒަހަމްކޮށްލި މީހުންގެ އަދަދު ވަނީ 85،523 އަށް އަރައިފައެވެ.

ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކަކީ ހަމާސް ޖަމާއަތުގެ މުޖާހިދުންނަށް ދެމުން އަންނަ ހަމަލާތަކެއް ކަމަށް އިސްރާއީލުން ބުނި ނަމަވެސް މި ހަމަލާތަކުގައި އެންމެ ގިނައިން ޝަހީދުވެފައިވަނީ ޣައްޒާގެ ކުޑަކުދިން، އަންހެނުން، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ކުށެއް ނެތް އާންމު ރައްޔިތުން ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ.

ނިރުބަވެރިން ހަމަލާތައް ދެމުން އަންނަ ސަރަހައްދުތަކުގެ ތެރޭގައި ޣައްޒާގެ އާންމުން ދިރިއުޅޭ ގެތައް، ރެފިއުޖީ ކޭމްޕްތައް، ސްކޫލްތައް އަދި ހޮސްޕިޓަލް ފަދަ ތަންތަން ހިމެނެއެވެ.