ބަންގްލަދޭޝްގެ އިރުއުތުރުގައި މޫސުމީ ވިއްސާރައާއި ކޯރުތަކުގެ ބަންޑުވުމުގެ ސަބަބުން ފެންބޮޑުވެ ދެ މިލިއަނަށްވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާ ކަމަށާއި އިތުރަށް ހާލަތު ގޯސްވެދާނެ ކަމަށް އޮފިޝަލުން ބުނެފިއެވެ.

އދ.ގެ ކުޑަކުދިންގެ އިދާރާ ޔުނިސެފުން ބުނީ 772،000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނޭ ގޮތަށް އެ ސަރަހައްދުގައި ތާށިވެފައި ތިބި މީހުންނަށް އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

ޔުނިސެފުން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޝެލްޑަން ޔެޓް ވިދާޅުވީ، އެންމެ ނުރައްކަލަށް ހުށަހެޅިފައިވަނީ ކުޑަކުދިން ކަމަށާއި، އެކުދިން ގެނބުމާއި، އެކަށީގެންވާ މިންވަރަަށް ކާނާ ނުލިބުމާއި، ފެނުގެ ޒަރިއްޔާއިން ޖެހޭ ނުރައްކާތެރި ބަލިތަކާއި، ގެދޮރު ގެއްލުމުގެ ހިތާމައާއި، އާބާދީ ބޮޑު ހިޔާތަކުގައި އަނިޔާކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

މީގެ އިތުރުން ބަންގްލަދޭޝްގެ ދެކުނުގެ ރެފިއުޖީ ކޭމްޕްތަކުގައި ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ރޮހިންޖާ އަށް މުސްލިމުންނާއެކު 10 މީހުން ވަނީ މަރުވެފައެވެ.

ބަންގްލަދޭޝްގެ މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވުން އިތުރުވެ، ފަރުބަދައިގެ ސަރަހައްދުތަކުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ފުރުސަތު އެބައޮތެވެ.

މިދިޔަ މަހުގެ ފަހުކޮޅު ބަންގްލަދޭޝްގެ ދެކުނުގެ އައްސޭރިފަށުގެ ސަރަހައްދަށް އެރި ތޫފާނުގެ ސަބަބުން އެ ގައުމުގެ ހާލްތު އަދިވެސް ރަނގަޅުވަމުން ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙުސެއިން ޝާމް

    ބަންގްލާދޭޝް މީހުންގެ މުސާރައިން ޕަސެންޓެއް ކަނޑާފަ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ބަންގްލަދޭޝް ސަރުކާރާ ފައިސާ ޙަވާލު ކުރަންވީ.މިކަމާ ދެކޮޅު ހަދާ މީހުން 24 ގަޑ އިރުތެޜެެގަ ޑީޕޯޓު ކުރީމަ ނިމުނީ.ވަރަށް ސަލާމް