ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލްގެ މީހެއްގެ ބޮލަށް ބަޑި ޖަހައި މަރާލައިފިއެވެ.

މީޑިއާތަކުން މީގެ ކުރިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ހުޅަނގު އައްސޭރީގެ ޤަލްޤިލްޔާ ސަރަހައްދުގައި ކާރެއްގައި ވަނީ ވަރަށް ބޮޑަށް ރޯވެފައެވެ. އަދި މިހާދިސާގައި އެ ކާރު ދުއްވަން ހުރި ޑްރައިވަރު މަރުވެފައިވާ ކަމަށް ވެސް ވަނީ ރިޕޯޓް ކޮށްފައެވެ.

މިހާދިސާއާއި، އެސަރަހައްދުގައި ބަޑި ޖެހުމުގެ ހާދިސާއެއް ހިނގާފައިވާ ކަމުގެ މައުލޫމާތާއި އެކީ އިސްރާއީލުގެ އަސްކަރިއްޔާއިން ވެސް ވަނީ އެސަރަހައްދަށް ގޮސްފައެވެ. ނަމަވެސް އޭރު އެކަން ހިނގާދިޔަ ގޮތް އެނގިފައެއް ނުވެއެވެ.

ނަމަވެސް ފަހުން މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ހަމަލާގައި މަރާލާފައިވަނީ އިސްރާއީލަށް ނިސްބަތްވާ 66 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބޮލަށް ބަޑި ޖަހައި މަރާލާފައިވަނީ މާރުކޭޓަށް ތަރުކާރީ ގަންނަން ގޮސް ހުއްޓާ ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މިހާދިސާ ދީފައިވަނީ ކޮންބައެއްކަން މިހާތަނަށް އެނގިފައި ނުވާއިރު، މިހާދިސާގެ ޒިންމާ ވެސް ބަޔަކު އަދި ނަގާފައެއް ނުވެއެވެ.