މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުގެ މުޖާހިދުންނާއި ދެކޮޅަށް ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގެ ޣައްޒާގެ 40،000 މަތީ ސާނަވީ ކިޔަވާ ދަރިވަރުންނަށް އިމްތިހާނު ނުހެދިފައިވާ ކަމަށް އދ އިން ބުނެފިއެވެ.

އދ ގެ އޮފީސް ފޯ ކޯޑިނޭޝަން އޮފް ހިމަނަޓޭރިއަން އެފެއާޒް ގެ ވެރިޔާ ބުނެފައިވަނީ އިއްޔެ އަކީ ފަލަސްތީނުގެ ޣައްޒާގައި ކޮންމެ އަހަރަކުވެސް މަތީ ސާނަވީ ކުދިން ހަދާ އިމްތިހާނެއް ކަމަށްވާ ޖެނެރަލް ސެކެންޑަރީ އެޖްޒަމިނޭޝަން ނުވަތަ ޣައްޒާ ރައްޔިތުން ކިޔާ ގޮތުން ނަމަ ތައުޖިހީ އިމްތިހާނު ހަދަން ޖެހޭ ދުވަހެވެ. ނަމަވެސް ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަަރިއްޔާ އިން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން 40،000 ދަރިވަރުންނަށް އޭގެ ނޭދެވޭ އަސަރުކޮށް އެ ކުދިންނަށް އިމްތިހާނު ހެދުމުގެ ފުރުޞަތު ގެއްލިފައިވާ ކަމަށެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ޣައްޒާގައި ހަނގުރާމަ ފެށުމުން ފަލަސްތީނުގެ ޣައްޒާގައި ތައުލީމު ހާޞިލްކުރަމުންދާ 625،000 ދަރިވަރުންނަށް ވަނީ ތައުލީމުން މަހްރޫމުވެފައެވެ. އެއީ ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ހަމަލާދޭ އިރު ދަރިވަރުންނަށް ނުބެލުމާއި ދަރިވަރުން ކިޔަވަން ތިބޭ ސުކޫލުތަކަށް ވެސް ހަމަލާދޭން ފެށުމުން ޣައްޒާގެ ސުކޫލްތައް ބަންދުކުރުމުންނެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ޣައްޒާގައި ހަނގުރާމަ ފެށިފަހުން ޣައްޒާގެ ވަރަށް ގިނަ ސުކޫލްތަކަށާއި ޔުނިވާސިޓީތަކަށް ޔަހޫދީން ވަނީ ވަރުގަދަ އަށް ހަމަލާދީ އެތަންތަން ސުންނާފަތިކޮށްލާފައެވެ. މިއީ ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ގަސްތުގައި ހިންގާފައިވާ ޖަރީމާއެއް ކަމަށް އަލް ޖަޒީރާއިން އެ ނޫހުން ހިންގި ތަހްޤީޤަކަށް ފަހު ވަނީ ބުނެފައެވެ.

މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތަކުގައި ފަލަސްތީނުގެ 7000 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ޝަހީދުވެފައިއެވެ.