ރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ އިންޑިއާ އަށް ވަޑައިގެންފިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެފައިވަނީ ޝެއިހް ހަސީނާގެ ދެ ދުވަހުގެ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. ޝެއިހް ހަސީނާގެ މި ދަތުރުފުޅުގައި އެކަމަނާ ވަނީ އިންޑިއާގެ ބޮޑުވަޒީރާ ބައްދަލު ކުރައްވައި ރަސްމީ މަޝްވަރާތައް ވެސް ބާއްވަވައިފައެވެ.

އޭގެއިތުރުން ޝެއިހް ހަސީނާ، އިންޑިއާގެ ރައީސް ދުރޯޕަދީ މުރްމޫ އާއި ނައިބު ރައީސް ޝްރީ ޖަގްދީޕް ދަންކަރުއާ ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިފައިވެއެވެ.

މި މަހުގެ ކުރީކޮޅު އިންޑިއާގެ ބޮޑުވަޒީރު ކަމުގެ ހުވާ މޯދީ ތިން ވަނަ ދައުރަކަށް ކުރެއްވުމަށް އެ ގައުމުގައި ބޭއްވި ބޮޑު ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭރު ގައުމުތަކުގެ ބައެއް ވެރިންގެ ތެރޭގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ވެސް ހިމެނިވަޑައިގެންނެވިއެވެ.

ޝެއިހް ހަސީނާ މި މަހު ދެވަނަ ފަހަރަށް އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ދިމާކޮށް ބަންގްލަދޭޝް އާއި އިންޑިއާއާ ދެމެދު 10 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އިންޑިއާ އާއި ބަންގްލަދޭޝް އާ ދެމެދު ސޮއިކުރި ބައެއް އެއްބަސްވުންތަކުގެ ތެރޭގައި ސިއްހީ ދާއިރާ އާއި ބޭހާ ގުޅޭ އެއްބަސްވުމަކާއި ފިޝަރީޒް ދާއިރާ އިން ގުޅުން ބަދަހި ކުރުމާ ގުޅޭ އެއްބަސްވުމަކާއި ޑިޒާސްޓާ މެނޭޖްމަންޓް ދާއިރާއާ ގުޅޭ އެއްބަސްވުމަކާއި އަސްކަރީ ތައުލީމް ދިނުމާ ގުޅޭ އެއްބަސްވުމަކާއި ރެއިލްވޭ ކަނެކްޓިވިޓީއާ ގުޅޭ އެއްބަސްވުމެއް ވެސް ހިމެނެއެވެ.

މީގެއިތުރުން ބަންގްލަދޭޝް އިން އިންޑިއާ އަށް އަންނަ ބަލި މީހުންނަށް އީ-ވިސާ ދިނުމާއި އިންޑިއާ އާއި ބަންގްލަދޭޝް އާ ދެމެދުގައި އާ ރޫޓުތަކުން ބަހުގެ ހިދުމަތާއި ރޭލުގެ ހިދުމަތް ދިނުމާއި 350 ބަންގްލަދޭޝް ފުލުހުން ތަމްރީން ކުރުމާއި އެހެން ބައެއް ކަންކަން ވެސް އިއުލާން ކުރިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙުސެއިން ޝާމް

    ޢެހެންވީމަ ރާއްޖެއަށް ފޮނުވާފަ މިތިބީ މުނާފިޤު ބަންގާޅީން. ޢަބަދު ޙަސީނާ އަށް އެތިވަރު ގޮވަގޮވާ ތިބެނީ .އެކަމަކު ބަލާ އެކަމަނާ މިމީހުންނަށްޓަކައި ކުރާ މަސައްކަތް.ޝުކުރުވެރި ނުވާ ބައެއް މިނޫނީ މަނުދެކެން.