ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ އިސް މެމްބަރަކު ޝަހީދުކޮށްލައިފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއާއި ހަވާލާދީ ރިޕޯޓްތަކުން ބުނީ މަރާލާފައިވަނީ ހަމާސް ޖަމާއަތާއި އަލް-ޖަމާއަލް އަލް-އިސްލާމިއްޔާގެ އިސް މެމްބަރެއް ކަމަށްވާ އައިމަން ޣަތްމަންއެވެ.

އޭނާ ޝަހީދުކޮށްލާފައިވަނީ ލުބުނާނުގެ ހުޅަނގު ބެގާއަށް ދިން ވަރުގަދަ ހަމަލާއެއްގައެވެ. ނިރުބަވެރިން ބުނެފައިވަނީ އެގަހަމަލާއަކީ އޭނާގެ ފަރާތުން އިސްރާއީލާއި ދެކޮޅު ކަންތައްތަކެއް ފެނިގެން ދިން ޑްރޯން ހަމަލާއެކެވެ.

މި ހަމަލާދީފައިވަނީ އޭނާ ކާރުގައި ދަތުރު ކުރަމުން ދަނިކޮށެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި އޭނާއަކީ ހަމާސްއާއި އިސްރާއީލުގެ އަލް-އިސްލާމިއްޔާއަށް ހަތިޔާރު ފޯރުކޮށްދެމުން އަންނަ މީހެކެވެ.

ލުބުނާނުގައި އޭނާ ޝަހީދުކޮށްލާފައިވާއިރު، ނިރުބަވެރި އިސްރާއީލުން ވަނީ އެހަމަލާގެ ވީޑިއޯއެއް ވެސް އާންމުކޮށްފައެވެ.

އިސްރާއީލާއި ލުބުނާނުގެ މަސްރަހު ގޯސްވެފައިވާއިރު، ދެގައުމުން އަންނަނީ ވަރުގަދަ ހަމަލާތަކެއް ދޭތެރެއަކުން ދެމުންނެވެ.

އެޑިޓަރުގެ ނޯޓު: މިފަދަ ހަބަރުތަކުގައި ސުރުހީގައި ހިޒްބުﷲ، ހަމާސް، ހޫތީން ފަދަ ނަންތައް ފާހަގަ ނުކުރަނީ، ފޭސްބުކް/އެކްސްގައި އެގޮތަށް ޖަހައިފި ނަމަ، "ވަގުތު" އޮންލައިންގެ ފޭސްބުކް ޕޭޖާއި އެކްސް އެކައުންޓާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާތީއެވެ. އެހެންވެ، ކިޔުންތެރިންނަށް އޮޅުން އަރާފާނެތީ އެކަން ސަމާލުކަމަށް ގެނައީމެވެ.