ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ތެރެއިން މިއަދު ފަލަސްތީނުގެ ރައްޔިތަކު އިންސާނީ އަންޑަނަ އަކަށް ބޭނުން ކޮށްފި ކަމަށް އަލް ޖަޒީރާ އިން ރިޕޯޓްކޮށްފިއެވެ.

އަލް ޖަޒީރާ އިން އާންމު ކޮށްފައިވާ ވީޑިއޯ އިން ފެންނަނީ ޔަހޫދީންގެ އަނިޔާވެރި ސިފައިން ފަލަސްތީނުގެ ރައްޔިތަކު އިސްރާއީލްގެ އަސްކަރީ ވެހިކަލެއްގެ ކުރީބައިގައި އައްސައިގެން ދުއްވާފައި ދާ ތަނެވެ. މި ވީޑިއޯގައި ފެންނަ ފަލަސްތީނުގެ ރައްޔިތަކީ ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ޖެނިން ސަހަރުގައި ހިންގި އަސްކަރީ ރެއިޑްގައި ހައްޔަރު ކުރި މީހެއް ކަމަށާއި ޔަހޫދީން އަނިޔާކުރުމުގެ ސަބަބުން ފަލަސްތީނުގެ އެ މީހާ ވަރަށް ބޮޑަށް ޒަހަމްވެފައިވާތަން ވެސް މި މީޑިއޯ އިން ފެންނަ ކަމަށް އަލް ޖަޒީރާ އިން ވަނީ ރިޕޯޓްކޮށްފައެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ދަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެމުންދާ ސަހަރުތަކުގައި ސިލްސިލާކޮށް އަސްކަރީ ރެއިޑްތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން މިއަދު އަސްކަރީ ރެއިޑް ކުރިއަށް ގެންދިޔަ ޖެނިން ސަހަރަކީ މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ޣައްޒާގައި ހަނގުރާމަ ފެށިފަހުން ޔަހޫދީން އެންމެ ގިނައިން އަސްކަރީ ރެއިޑްތައް ކުރިއަށް ގެންދިޔަ ސަހަރެވެ.

ޔަހޫދީންގެ އަސްކަރިއްޔާ އިން އާންމު ކޮށް ރެއިޑްތައް ކުރިއަށް ގެންދަނީ ރޭގަނޑު ފަލަސްތީނުގެ ރައްޔިތުން ނިދާފައި ތިއްބާ ކަމަށާއި އަދި މި ރެއިޑްތަކުގައި ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ރައްޔިތުންގެ ގެދޮރަށް ހަމަލާދީ ހިފާ ގެންގުޅޭ ތަކެއްޗަށް ވެސް ގެންލުންދޭ ކަމަށް ފަލަސްތީނުގެ ދައުލަތުގެ މީޑިއާ ވަފާ ނިއުސް އެޖެންސީ އިން ވަނީ ރިޕޯޓްކޮށްފައެވެ.

ޔަހޫދީންގެ އަސްކަރިއްޔާ އިން ކުރިއަށް ގެންދާ މި ފަދަ ރެއިޑްތަކުގައި ފަލަސްތީނުގެ އެތައް ރައްޔިތުންނެއް ހައްޔަރު ކުރެއެވެ. އަދި ގިނަ ފަހަރު މި ގޮތަށް ހައްޔަރުކުރާ ފަލަސްތީނުގެ ރައްޔިތުން އެއްވެސް ޝަރީއަތަކާ ނުލައި ވަރަށް ގިނަ ދުވަހު އިސްރާއީލްގެ މުޑުދާރު ޖަލުތަކުގައި ތިބެއެވެ.