އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި އޮންނަ އަލް-ޝާތީ ރެފިއުޖީ ކޭމްޕަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއްދީ ގިނަ ބަޔަކު މިއަދު ޝަހީދުކޮށްލައިފިއެވެ.

ޣައްޒާ ސަރުކާރުން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރުގައި އެ ސަރަހައްދުން އެކަނި ވެސް 42 މީހުން ޝަހީދުކޮށްލިއެވެ. އެއީ ޝާތީ ރެފިއުޖީ ކޭމްޕުން ޝަހީދުކޮށްލި 24 މީހުންނާއި އެ ރެފިއުޖީ ކޭމްޕް ކައިރީގައި އޮންނަ ތޫފާހް އަވަށުން ޝަހީދުކޮށްލި 18 މީހުން ހިމަނައިގެންނެވެ. މިއީ މި ފަހުން އެހާ ގިނަ އަދަދެއްގެ ބަޔަކު އެއް ސަރަހައްދަކުން ޝަހީދުކޮށްލައި، ބޮޑު ލޭ އޮހޮރުވުމެއް ހިންގި ފަހަރެވެ.

އިސްރާއީލުން ޣައްޒާގެ ޝާތީ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާ. ---

އިސްރާއީލުން ޝާތީ ރެފިއުޖީ ކޭމްޕްގެ ހަތް ގެއަކަށް ހަމަލާ ދިން އިރު، ޝަހީދުކޮށްލާފައި ވަނީ އެ ގެތަކުގައި ތިބި މީހުންނެވެ.

މަންޒަރު ދުށް ބައެއް މީހުން ކިޔައި ދިން ގޮތުގައި އެ ސަރަހައްދުން ފެންނަނީ ސުންނާފަތިވެފައިވާ އިމާރާތްތަކާއި ގެތަކެވެ. ބައެއް ގެތަކުގެ އޮނިގަނޑު ވެސް ފެންނަން ނެތް އިރު، އިސްރާއީލްގެ ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދު ވެފައިވަނީ "ދިރުމެއް ނެތް" ތަނެއްގެ ގޮތުގައި އެމީހުން ސިފަ ކުރިއެވެ.

އިސްރާއީލުން ޣައްޒާގެ ޝާތީ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާ. ---

"އަހަރެންގެ ހަޔާތުގައި ވެސް މިވަރުގެ ކަމެއް ނުދެކެން،" މަންޒަރު ދުށް މީހަކު ކިޔައި ދިނެވެ.

އެހެން މީހަކު ބުނެފައިވަނީ ޝާތީ ރެފިއުޖީ ކޭމްޕް ސަރަހައްދުގައި އޮތީ "ލޭގެ ކޯރެއް" ދަމާލާފައި ކަމަށެވެ. މަގުމަތިންނާއި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ފެންނަނީ ފަލަސްތީނުގެ ރައްޔިތުންގެ ހަށިގަނޑުގެ ބައިތައް ވަކިވެފައިވާ މަންޒަރު ކަމަށް ވެސް އޭނާ ބުންޏެވެ.

އިސްރާއީލުން ޣައްޒާގެ ޝާތީ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާ. ---

"އަހަރެންނަށް ފެނުނު ފަލަސްތީނުގެ ކުޑަ ކުއްޖެއްގެ ގޮހޮރު ބޭރަށް ނުކުމެފައި އޮތް ތަން. އެހެން ކުއްޖެއްގެ ހަށިގަނޑު ބައެއް ވަކިވެފައި އޮތް ތަން. މިއީ ފަލަސްތީނުގެ ރައްޔިތުންނަށް މިންވަރު ކުރެއްވި ގޮތް. ފަލަސްތީނުގެ ރައްޔިތުން މިއަދު ތިބީ ބިރުވެރިކަމެއްގައި. އެމީހުން ގަބޫލު ކުރަނީ ސިކުންތުކޮޅެއްގެ ތެރޭގައި ވެސް ދުނިޔެ އިން ވަކިވެގެން ދާން ޖެހިދާނެ ކަމަށް،" ޝާތީ ރެފިއުޖީ ކޭމްޕް ސަރަހައްދުގައި ހުރި މީހަކު ކިޔައި ދިނެވެ.

އިސްރާއީލުން ޣައްޒާގެ ޝާތީ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާ. ---

ޣައްޒާގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބަސަލް އަލް-ޖަޒީރާ އަށް ވިދާޅުވީ ޝާތީ ރެފިއުޖީ ކޭމްޕަށް ދިން ވަރުގަދަ ހަމަލާތަކުގެ ސަބަބުން އަނިޔާ ލިބިފައިވާ މީހުންނާއި ޝަހީދުވެފައިވާ މީހުން ސަލާމަތް ކުރުމަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ގެއްލުން ލިބިފައިވާ މިންވަރު ބޮޑުކަމުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ގެންގުޅެން ޖެހޭ ސިވިލް ޑިފެންސް ޓީމުގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

"ރެސްކިއު ޓީމުތަކުން އަދިވެސް ދަނީ ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން. އިމާރާތްތަކުގެ ދަށުވެފައި ތިބި މީހުންގެ އަދަދު އަދިވެސް ނޭނގޭ." އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އިސްރާއީލްގެ ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދު އޮތީ ކަޅު ދުންތަކުން "ނިވާވެފަ"އެވެ. އިސްރާއީލްގެ ހަމަލާތައް ބޮޑަށް އަމާޒު ކުރީ ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެމުން އަންނަ އިމާރާތްތަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.