ރަޝިއާގެ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން އުފައްދާފައިވާ އެ ގައުމުގެ އެންމެ ފަހުގެ ހަނގުރާމަތީ އަސްކަރީ މަތިންތާބޯޓް އެސްޔޫ-57 ޖެޓްތަކަށް ޔޫކުރޭނުން ޑުރޯން ބޭނުންކޮށްގެން ދިން ހަމަލާގެ ބަދަލު ރަޝިއާ އިން ވަރަށް ހިތިކޮށް ޔޫކުރޭނުގެ ފަރާތުން ހިފައިފިއެވެ.

ވަރަށް މަދުން ރަޝިއާ އިން ޔޫކުރޭނު ހަނގުރާމައިގައި ބޭނުން ކުރާ އެސްޔޫ -57 މަރުކާގެ ހަނގުރާމަތީ މަތިންދާބޯޓުތައް ބޭނުން ކޮށްގެން ރަޝިއާ އިން ވަނީ ޔޫކުރޭނަށް ރޭގައި މިސައިލްގެ ވާރޭ އޮއްސާލާފައެވެ.

ރަޝިޔާގެ މި ވަރުގަދަ ހަމަލާގައި އެ ގައުމުން ވަނީ ޔޫކުރޭނުގެ އަސްކަރިއްޔާގެ ވަރަށް ގިނަ އަމާޒުތަކަށް ހަމަލާދީ އެ ހުރިހާ އަސްކަރީ މަރުކަޒުތައް މުޅިން ސުންނާފަތި ކޮށްލާފައެވެ. ރަޝިއާގެ އަސްކަރީ ޖެޓްތަކުގެ ދުވެލި ބާރުކަމުންނާއި އެ ޖެޓްތަކުގައިވާ މޮޅު ޓެކްނޮލަޖީގެ ސަބަބުން މި ޖެޓްތައް ޔޫކުރޭނުގެ ވައިގެ ދިފާއީ ނިޒާމުގެ ރާޑަރތަކަށް ނާރާ ކަމަށް ޔޫކުރޭނުގެ އަސްކަރިއްޔާ އިން މީގެ ކުރިން ވަނީ ބުނެފައެވެ.

ރަޝިއާ އިން ރޭގައި ޔޫކުރޭނުގެ އަސްކަރިއްޔާގެ އަމާޒުތަކަށް ހަމަލާދޭން ބޭނުން ކޮށްފައިވަނީ ރަޝިއާގެ އެންމެ ފަހުގެ ޓެކްނޮލޮޖީ އިން އުފައްދާފައިވާ ކޭއެޗް-69 މިސައިލް ކަމަށާއި ނަމަވެސް ޔޫކުރޭނުގެ ވައިގެ ނިޒާމުން ވާނީ އެ ހުރިހާ މިސައިލްތައް ވެސް ވައްޓާލާފައި ކަމަށް ޔޫކުރޭނުގެ ވައިގެ ސިފައިންގެ ވެރިޔާ މިކޮލާ އޮލެސްކަޗް ވަނީ ބުނެފައެވެ.

ނަމަވެސް ހުދު ޔޫކުރޭނުގެ އަސްކަރީ މާހިރުންނާއި މިނިވަން މީޑިއާތަކުން ވަނީ މިއީ ވައިގެ ސިފައިންގެ ވެރިޔާ ހެދި ދޮގެއް ކަމަށް ބުނެފައެވެ. އެއީ ރަޝިއާގެ ކޭއެޗް-69 މިސައިލަކީ ހައިޕަސޮނިކް މިސައިލެއް ކަމަށާއި މި މިސައިލުގެ ވާރޭ އެއް އޮންސާލައިފި ނަމަ އެމެރިކާ ފަދަ އަސްކަރީ ގޮތުން ވަރުގަދަ ގައުމުތަކުގެ ދިފާއީ ނިޒާމުތަކުގައި ވެސް އެ މިސައިލްތައް ވައްޓާލުމުގެ ޤާބިލްކަން ނުހުންނާނެ ކަމަށް އަސްކަރީ މާހިރުން ވަނީ ބުނެފައެވެ. އެހެންވުމުން ޔޫކުރޭނުގެ ވައިގެ ދިފާއީ ނިޒާމުގައި މި ފަދަ ޤާބިލްކަމެއް ނުހުންނާނެ ކަމަށް އަސްކަރީ މާހިރުން ވަނީ ބުނެފައެވެ.

ޔޫކްރެއިންގެ އަސްކަރިއްޔާއިން މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު ބުނެފައިވަނީ ރަޝިޔާގެ އެންމެ ފަހުގެ އަދި އެންމެ ޒަމާނީ ހަނގުރާމަމަތީ މަތިންދާބޯޓު ކަމަށްވާ ސުކޮއި އެސްޔޫ-57 ގެ ޖެޓެއް އަަސްކަރީ މަރުކަޒެއްގައި ޕާކް ކޮށްފައި ވަނިކޮށް ކާމިޔާބުކަމާއެކު ހަލާކުކޮށްލާފައިވާނެ ކަމަށެވެ.

އަސްޓްރާޚާން ސަރަހައްދުގެ އަސްކަރީ މަރުކަޒަކަށް ދިން މި ހަމަލާ އަމާޒުވި ރަޝިއާގެ އަސްކަރީ މަރުކަޒަކީ ޔޫކުރޭނާއި ރަޝިއާގެ ބޯޑަރާއި 600 ކިލޯމީޓަރު (372 މޭލު) ދުރުގައި އޮންނަ އަސްކަރީ މަރުކަޒެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރަޝިއާ އިން އެގައުމުގެ ސަރަހައްދީ މަސްލަހަތު ދިފާއުކުރުމަށް ޔޫކުރޭނަށް ހަމަލާދީފައިވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ހަނގުރާމަ އަށް 3 އަހަރުވެފައިވާ އިރު ރަޝިއާ އިން ވަނީ ޔޫކުރޭނުގެ ބޮޑު 5 ސަރަހައްދެން އެ ގައުމުގެ ބާރުގެ ދަށަށް ގެނެސްފައެވެ.