ބަންގްލަދޭޝްގައި ހަރުފައިގެ ނުރައްކާ ބޮޑުވެ، އޭގެ ވިހައިގެ ސަބަބުން ފަރުވާދޭ މީހުންގެ އަދަދު ގިނަވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުން ބަންގްލަދޭޝްގެ ބައެއް އަވަށްތަކުގައި ހަރުފަ ގިނަވެ ވިހަލައިގެން ފަރުވާދެންޖެހޭ މީހުންގެ އަދަދުވެސް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.

މިކަމާއި ގުޅިގެން ބަންގްލަދޭޝްގެ ހެލްތު މިނިސްޓަރ ޑރ.ސަމަންތާ ލާލު ސެން ވަނީ ހަރުފަ ވިހަލައިފިނަމަ ގޭގައި އަމިއްލައަށް ފަރުވާދިނުމުގެ ބަދަލުގައި ހޮސްޕިޓަލްތަކަށް ގޮސް ފަރުވާ ހޯދުމަށް އިލްތިމާސްކޮށްފައެވެ.

މިދިޔަ އަހަރު ހަދާފައިވާ ސާވޭއަކުން ދައްކާ ގޮތުގައި ހަރުފަ ވިހަލައިގެން ބަންގަލަދޭޝްގައި އަހަރަކު 7،000 އެއްހާ މީހުން ވަނީ މަރުވެފައެވެ.

ހަރުފައާ ގުޅުން ހުރި މައްސަލަތަކަށް ޚާއްސަ ޖަމިއްޔާއެއް ކަމަށްވާ ސްނޭކް ރެސްކިއު ޓީމް ބަންގްލަދޭޝް އިން ބުނާ ގޮތުގައި ބަންގްލަދޭޝްގައި ހޫނުގަދަވުމުގެ ސަބަބުން ހަރުފަތައް ނުކުމެ މީހުންނަށް ހަމަލާ ދިނުން ވަނީ އިތުރުވެފައެވެ. އެހެންކަމުން އާންމުން މިކަމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެ ޖަމިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެ ޖަމިއްޔާގެ ނައިބު ރައީސް އެމްޑީ ޒުބައިދުރު ރަހުމާން ވިދާޅުވީ ހަރުފަ ދަތްއެޅުމާއި ގުޅޭ ގޮތުން މީހުން ހޭލުންތެރިކޮށް ހަރުފަ ސަލާމަތް ކުރުމުގެ އޮޕަރޭޝަންތައް ހިންގުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކުރީ އަހަރުތަކާ އަޅާބަލާއިރު މިއަހަރު ހަރުފަ އާއި ގުޅޭ ގިނަ މައްސަލަތައް ރިކޯޑްކުރެވެމުންދާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އެ ޖަމިއްޔާއަށް ވަނީ ހަރުފަ ވިހަަ ލައިގެން ފަރުވާ ހޯދި މީހުންގެ އާއިލާތަކަށް ޒިޔާރަތްކޮށް އެމީހުންގެ ހާލު ބަލާފައެވެ.

މިވާހަކަތައް މީސް މީޑިޔާގައި ހޫނު ބަހުސެއްގެ ގޮތުގައި ދެކެވެމުން އަންނައިރު ހޮސްޕިޓަލްތަކުން ބުނަމުން ދަނީ ބަންގްލަދެޝްގައި އާންމުންނަށް އެންމެ ބޮޑު ބިރަކަށްވެފައި ވަނީ ދެކުނު އޭޝިއާގެ ގައުމުތަކުގައި އާންމު ހަރުފައިގެ ބާވަތެއް ކަމަށްވާ ރަސެލްސް ވައިޕާގެ ސަބަބުން ކަމަށެވެ. މި ބާވަތުގެ ހަރުފަ އާންމުން ދިރިއުޅޭ ތަންތަނާއި ދަނޑުބިން ފަދަ ތަންތަނުން މިހާރު ވަރަށް ގިނައިން ފެންނަ ކަމަށް ސައިންސްވެރިން ބުނެއެވެެ. މިބާވަތުގެ ހަރުފަ ބަންގްލަދޭޝްގެ 25 އަށް ވުރެ ގިނަ އަވަށްތަކުން ފެންނަމުންދާކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.

ރަސެލްސް ވައިޕާއަކީ ބަންގްލަދޭޝް އިން 2002 ނެތިގެން ވެސް ގޮސްފައިވާ ބާވަތުގެ ހަރުފައެކެވެ.