އިންޑިއާގެ ވެރިރަށް ދިއްލީގައި ބޯ ފެނުގެ ދަތިކަން ކުރިމަތިވެ، ފެނަށް ޖެހުމުން، ދިއްލީގެ ފެނާއި ބެހޭ މިނިސްޓަރު އަދި އާމް އާދުމީ ޕާޓީ (އޭއޭޕީ)ގެ ލީޑަރެއް ކަމަށްވާ އާތިޝީ މަރުލީނާ ބަނޑޫހައިހޫނުކަމުގެ ހަޅުތާޅުގައި ހުންނަތާ މިއަދަށް ތިން ދުވަސް ވެއްޖެއެވެ.

މުއްދަތެއް ނެތް ގޮތަށް އާތިޝީ ކުރިޔަށް ގެންދާ މި ހަޅުތާލުގައި އާތިޝީ ވިދާޅުވަނީ ދިއްލީއަށް އަމިއްލަ ފެން ނުލިބޭ ކަމަށާއި އަވަށްޓެރި ސްޓޭޓްތަކުން ލިބޭ މަދު ފެން ފޮދުން ނުފުދޭ ކަމަށެވެ. އަދި ދިއްލީއަށް ފެން ދޫކުރާ ހަރިޔާނާ ސްޓޭޓުން ފެންދޫކުރާ ގޭޓް ބަންދުކޮށްފައިވާތީ ފެންލިބުން ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށް އާތިޝީ ވަނީ ވިދާޅުވެފައެވެ. އެގޮތުން މިދިޔަ 3 ހަފްތާގައިި ވެސް ހަރިޔާނާއިން ދިއްލީއަށް ދެމުން އަންނަ ފެން މަދުކޮށްފައިވާކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

އެތައް ގަޑިއިރު ކިޔޫގައި ތިބެގެން ލިބޭ މަދު ފެންފޮޮދު ޓެންކަރުތަކަށާއި ބޮޑެތި ބާލިދީތަކަށް އަޅައި މީހުން ދަނީ ފަހަށް ފެން ރައްކާކުރަމުންނެވެ. އިސްކުރުތަކުން އަންނަ ފެން ތަޣައްޔަރުވެފައިވާ މައްސަލަ ވެސް އިންޑިއާގައި ވަނީ ބޮޑުވެފައެވެ. ބޯން ކަމުނުދާ ތަޣައްޔަރުވެފައިވާ ފެން ބޯން ޖެހުމުން ރައްޔިތުން ބަލިމަޑުކަމެއްގެ ތެރޭގައި އުޅޭކަމަށް ރިޕޯޓްތައް ބުނެއެވެ.

ފެނުގައި ގިނަ އަދަދަކަށް ބެކްޓީރިއާ ހުރުމާއި ފެން ފޯރުކޮށްދޭ ވަޅު ތަޣައްޔަރުވުމުގެ ސަބަބުން ގިނަ ބަލިތައް ދަނީ ފެތުރެމުންނެވެ. އަވަށްތަކުގެ މީހުން ބުނާގޮތުގައި ހަދަމުން އަންނަ ޓޭންކަކުން ފިލްޓަރ ނުކޮށް ފެން ފޯރުކޮށްދިނުމުން ބަލިތައް ދަނީ ފެތުރެމުންނެވެ. އެގޮތުން ބަންހް، ޖަންދްގީ ގުޖްރާން، ޖަންދަލީ ރާޖްޕޫތަން، ޕަންޔާލާ، ޕަތިއާލު، ނިޔަތީ، ރަންގަސް ޗޯކީ ހާރް، ތާއިން އަދި ޝަންކަރް ފަދަ އެތައް އަވަށެއްގެ މީހުންނަށް ފެނުގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ޖެހިފައިވާ ކަމަށްވެއެވެ.

ދިއްލީގައި ފެނުގެ ދަތިކަމުގެ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އާމް އާދުމީ ޕާޓީއަށް ނިސްބަތްވާ ދިއްލީގެ ހެލްތު މިނިސްޓަރު ސައުރަބް ބާރަދުވާޖް ވިދާޅުވީ އަތީޝީ މުޒާހަރާއަށް އިށީނދެވަޑައިގަތުމަށް ފަހު ހަރިޔާނާއިން ދޫޫކުރަމުން އައި ފެނުގެ އަދަދު 17 މިލިޔަން ގެލޯން (އެމްޖީޑީ) މަދުކޮށްފައިވާ ކަމަށާއި މިހާރު ދުވާލަކަށް ދޫކުރަމުން ދަނީީ 117 އެމްޖީޑީގެ ފެން ކަމަށެވެ. އެގޮތުން 3 ދުވަހަށް ވާ ފެން ހަރިޔާނާއިން ހުއްޓުވާފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.