ލުބުނާނުގެ ހިޒްބުﷲއިން އިސްރާއީލުގެ ސިފައިންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ސިފައިންގެ މީހެއްގެ ހާލު ސީރިއަސް ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

ހިޒްބުﷲއިން އިސްރާއީލަށް ހަމަލާދީފައިވަނީ އިސްރާއީލުގެ އުތުރުގައި އޮންނަ އައިލެތް ހަޝާހަރް ސަރަހައްދުގައި ހުރި އިސްރާއީލް ސިފައިންގެ ހެޑްކުއާޓާސްއަށާއި އެހެން ބައެއް ސަރަހައްދުތަކަށެވެ. މި ހަމަލާތަކުގައި އިސްރާއީލުގެ ސިފައިންގެ މީހަކު މަރާލާފައިވާ ކަމަށް ވެސް ހިޒްބުﷲއިން ވަނީ ބުނެފައެވެ.

މިހަމަލާގައި އިސްރާއީލުގެ އުތުރުގެ ބައެއް ސަރަހައްދުތަކުގައި ރޯވެފައިވާއިރު، އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ހަމަލާގައި ސިފައިންގެ މީހަކަށް ސީރިއަސް ޒަހަމްތަކެއް ވެފައިވާ ކަމަށެވެ. އަދި އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ވަނީ ބުނެފައެވެ.

ހިޒްބުﷲއިން ބުނި ގޮތުގަިއ މި ހަމަލާދީފައިވަނީ އިސްރާއީލުގެ އުތުރުގައި އޮންނަ އައިލެޓް ހަޝާހަރް ސަރަހައްދުގައި ހުންނަ އިސްރާއީލް ސިފައިންގެ ހެޑްކުއާޓާސްއަށް އަމާޒުކޮށެވެ. މި ހަމަލާދީފައިވަނީ އިސްރާއީލުން ލުބުނާނުގެ ބެކާ ސަރަހައްދަށް އިއްޔެގެ ވަގުތެއްގައި ދިން ހަމަލާއާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެކެވެ. އިއްޔެގެ ވަގުތެއްގައި ނިރުބަވެރި އިސްރާއީލުން ވަނީ އެސަރަހައްދަށް ހަމަލާއެއްދީ، ހަމާސް ޖަމާއަތަށާއި ހިޒްބުﷲއަށް ހަތިޔާރު ފޯރުކޮށްދޭ އިސް މެމްބަރަކު ޝަހީދުކޮށްލާފައެވެ.

އެޑިޓަރުގެ ނޯޓު: މިފަދަ ހަބަރުތަކުގައި ސުރުހީގައި ހިޒްބުﷲ، ހަމާސް، ހޫތީން ފަދަ ނަންތައް ފާހަގަ ނުކުރަނީ، ފޭސްބުކް/އެކްސްގައި އެގޮތަށް ޖަހައިފި ނަމަ، "ވަގުތު" އޮންލައިންގެ ފޭސްބުކް ޕޭޖާއި އެކްސް އެކައުންޓާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާތީއެވެ. އެހެންވެ، ކިޔުންތެރިންނަށް އޮޅުން އަރާފާނެތީ އެކަން ސަމާލުކަމަށް ގެނައީމެވެ.