ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޒަހަމްވެފައިވާ މީހަކު އެމީހުންގެ އަސްކަރީ ޖިޕެއްގައި އައްސައިގެން "އައްޑަނަ" އަކަށް ބޭނުން ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ނިރުބަވެރި އިސްރާއީލުން އެމީހާ އައްޑަނައަކަށް ބޭނުން ކޮށްފައިވަނީ ޣައްޒާގެ ޖެނިންގައި އިސްރާއީލުގެ އަސްކަރިއްޔާއިން ހަރަކާތްތެރިވަމުން ދިޔަ ވަގުތުއެވެ.

މީސްމީޑިއާގައި އެފަދަ މަންޒަރެއް ފެންނަ ވީޑިއޯއެއް އާންމުވެފައިވާއިރު، އެ ވީޑިއޯއަކީ އެއީ ސައްހަ ވީޑިއޯއެއް ކަމަށް "އަލްޖަޒީރާ" ނޫހުން ވަނީ ކަށަވަރުކޮށްފައެވެ. އެނޫހުން ބުނި ގޮތުގައި އަނިޔާވެފައިވާ އެމީހާ ޖިޕުގެ ކުރީ ކޮޅުގައި ބަނދެގެން އިސްރާއީލުން ޖެނިންއަށް ވަދެގެންދިޔައިރު، އެސަރަހައްދުގައި ދެ އެމްބިއުލާންސް ވެސް އޮތެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި އިސްރާއީލުން އައްޑަނައަކަށް ބޭނުން ކޮށްފައިވަނީ އަޒްމީ ނަމަކަށް ކިޔާ މީހެކެވެ. ނިރުބަވެރިން އޭނާއަށް ހަމަލާތަކެއްދީ ޒަހަމްކޮށްލާފައިވަނީ ޖެނިންގައި ކުރިއަށް ގެންދިޔަ ރެއިޑެއްގެ ތެރެއިންނެވެ. އޭނާގެ އާއިލާއިން އެމްބިއުލާންސަކަށް އެދުމުން، އަޒްމީގެ ހަށިގަނޑު ޖިޕުގެ ކުރީކޮޅުގައި ބަނދެގެން ގެންދިޔައީ ކަމަށް އޭނާގެ އާއިލާ ވަނީ ބުނެފައެވެ.

ފަލަސްތީނުގެ އެމްބިއުލާންސް ދުއްވަމުން އަންނަ އަބްދުލްރައުފް މުސްތަފާ ނަމަކަށް ކިޔާ މީހަކު ބުނެފައިވަނީ، އަޒްމީއަށް އަނިޔާވެފައިވާތީ އޭނާ ހަވާލު ކުރުމަށް އެދުމުން އެކަމާއި ދެކޮޅު ހެދި ކަމަށެވެ.

"ޖިޕު އަހަރުމެން ހުރަސްކޮށް ދިޔައިރު، ޒަހަމްވެފައިވާ މީހާ އޮތީ ޖިޕުގެ ކުރީގައި ބަނދެފައި. އެމީހުން ވަނީ އޭނާ ހަވާލު ކުރުމަށް ދެކޮޅު ހަދާފަ" މުސްތަފާ ބުންޏެވެ.

ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ، އަސްކަރިއްޔާގެ ސިފައިންނަށް ހަމަލާތަކެއްދީފައިވާ ކަމަށާއި އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ހަމަލާބަދަލު ކުރުންތަކެއް ކުރިއަށް ދިޔަ ކަމަށެވެ. އަދި އެވަގުތު ބައެއް މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ، ސިފައިންގެ ޕްރޮޓޮކޯލްއާއި ހިލާފު ކަމެއް ކަމަށާއި މިހާރު އެމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި ޒަހަމްވެފައިވާ މީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށް ވެސް ވަނީ ބުނެފައެވެ.