ޔޫކުރޭނުގެ އަސްކަރިއްޔާ އިން ރަޝިއާގެ އަސްކަރީ އަމާޒުތަކަށް ޑުރޯން ހަމަލާތަކެއް ދީފި ކަމަށް އެ ގައުމުގެ އަސްކަރިއްޔާއާ ހަވާލާދީ ޔޫކުރޭނުގެ މީޑިއާތަކުން ބުނެފިއެވެ.

ޔޫކުރޭނުގެ އަސްކަރިއްޔާ އިން މައުލޫމާތުދޭ ގޮތުގައި ރޭގައި ދިން މި ހަމަލާގައި ޔޫކުރޭނުން ވާނީ 114 ޑުރޯން ބޭނުން ކޮށްފައިކަމަށެވެ. އަދި މި ތަނުން ގިނަ ޑުރޯންތައް އޭގެ މަންޒިލަށް ވާޞިލްވި ކަމަށާއި މި ހަމަލާއަކީ ވަރަށް ރޭވުންތެރިކަމާއި އެކީ ދެވުން ވަރަށް ކާމިޔާބު ހަމަލާއެއް ކަމަށް ވެސް ޔޫކުރޭނުގެ އަސްކަރިއްޔާ އިން ވަނީ ބުނެފައެވެ.

ޔޫކުރޭނުގެ އަސްކަރީ ޖާސޫސީ އިދާރާއިން ބުނެފައި ވަނީ މި އަސްކަރީ ހަމަލާ އަކީ ރަޝިއާގެ ހަމަލާތަކާއި ދެކޮޅަށް ޔޫކުރޭނުން ހަނގުރާމަ ފެށި ފަހުން އެ ގައުމުން މިހާތަނަށް ދިން އެންމެ ވަރުގަދަ ހަމަލާ ކަމަށާއި މި ހަމަލާގެ ސަބަބުން ހަނގުރާމައިގެ އޮއިވަރަށް ވެސް ވަރަށް ބޮޑެތި ބަދަލުތައް އައުން އެކަށީގެންވާ ކަމަށެވެ.

" މިއީ އަހަރެމެން ކުރިން ހަމަލާދޭން ގެންގުޅޭ އުކުޅުތަކާއި މުޅީން ތަފާތުގޮތަކަށް ދިން ހަމަލާއެއް. ކުރިން އަހަރެމެން ހަމަލާތައް ދޭ ގޮތް ރަޝިއާ އިން ވަނީ ވަރަށް ބޮޑަށް ދަސްކޮށް އެއިން ދިފާއުވާން ވެސް އެމީހުންގެ އަމިއްލަ އަސްކަރީ އުކުޅުތަކެއް އީޖާދުކޮށްފަ ނަމަވެސް މި ފަހަރު މި ދިން ހަމަލާގެ ރޭވުންތެރިކަމުގެ މޮޅު ކަމުން އެމީހުންނަށް މި ހަމަލާތަކުން ދިފާއުވާން ވަރަށް ބޮޑަށް އުދަނގޫވިކަން އަހަރެމެންނަށް ވަނީ ފާހަގަވެފަ" ޔޫކުރޭނުގެ އަސްކަރީ ޖާސޫސީ އިދާރާއިން މީސް މީޑިއާގެ އެޕެއް ކަމަށްވާ ޓެލެގްރާމްގައި ނެރުން ބަޔާނެއްގައި ވަނީ ބުނެފައެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނެފައި ވަނީ ޔޫކުރޭނުގެ އަސްކަރިއްޔާގެ އެ ހަމަލާ ވަރަށް ބޮޑަށް ނާކާމިޔާބު ކޮށްލެވުން ކަމަށާއި އެގޮތުން ކްރައިމިއާގެ މަތިން 70 ޑްރޯން ވައްޓާލާފައިވާ ކަމަށާއި އިތުރު 43 ޑްރޯން ކްރަސްނޯޑާ ޓެރިޓަރީ މަތިން ވައްޓާލާފައި ވާނެ ކަމަށެވެ.

ޔޫކުރޭނުނާއި ރަޝިއާ އިން ހަނގުރާމައިގެ މައުލޫމާތު ދޭ އިރު އެއްގައުމު އަނެއްގައުމުގެ އަސްކަރިއްޔާ ބަލިކަށިވާ ގޮތަށް ހަބަރުދޭ ކަމަށް މީގެ ކުރިން ބައިނަލް އަޤްވާމީ މީޑިއާތަކުން ވަނީ ފާހަގަކޮށްފައެވެ.