ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ލުބުނާންގެ ދެކުނުގެ ސަރަހައްދުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން މީސް މީޑިއާގެ ޕުލެޓްފޯމެއް ކަމަށްވާ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ދެކުނު ލުބުނާންގެ ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުގެ އަސްކަރީ އަމާޒުތަކަކަށް އިސްރާއީލުގެ ވައިގެ ސިފައިން ވަނީ ވަރަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައި ކަމަށެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާގެ ބަޔާނުގައި ބުނެފައި ވަނީ މި ވައިގެ ހަމަލާތައް އަމާޒުކޮށްފައި ވާނީ ހިޒްބުﷲ ޖަމާއަތަށް އަސްކަރީ ގޮތުންނާއި އެ ޖަމާއަތުގެ އިދާރީ ހިންގުމަށް ވެސް ވަރަށް މުހިންމު މަރުކަޒުތަކަކަށް ކަމަށާއި މި މަރުކަޒުތަކުގެ ލޮކޭޝަނަކީ އިސްރާއީލްގެ ޖާސޫސީ އިދާރާތަކުން ފޯރުކޮށްދީފައިވާ ލޮކޭޝަން ތަކެއް ކަމަށެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ވައިގެ ހަމަލާތައް ދީފައި ވަނީ ލުބުނާންގެ ދެކުނުގެ އައިތަރޯން އަވަށުގައި ވާ ހިޒްބުﷲ ގެ އަސްކަރީ އަމާޒުތަކަށާއި ހަމަ އެ ސަރަހައްދުގައި އޮންނަ ކަފްރް ކިލާ އަދި ޚިއަމް އަވަށުގައިވާ އަސްކަރީ މަރުކަޒުތަކަށެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ވަނީ ހިޒްބުﷲ ގެ ހަމަލާއެއްގައި އިއްޔެ އިސްރާއީލުގެ އަސްކަރިއްޔާގެ ސިފައިންގެ މީހެއް ޒަހަމްވެފައިވާ ކަމަށް ބުނެފައެވެ.

ލުބުނާންގެ ހިޒްބުﷲ ޖަމާއަތުން އިއްޔެ ވަނީ ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ މެޓުލާ ސަހަރަށް އެންޓި ޓޭންކު މިސައިލުން ހަމަލާދީފައެވެ. އިސްރާއީލުގެ މީޑިއާތަކުން ވަނީ މި ހަމަލާގެ ވާހަކަ އިއްޔެގައި ރިޕޯޓްކޮށްފައެވެ. ނަމަވެސް އިސްރާއީލްގެ އަސްކަރިއްޔާ އިން އިއްޔެ މި ހަމަލާގެ އެއްވެސް މައުލޫމާތެއް ދީފައެއް ނުވެއެވެ.

މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ޤަތުލްއާންމާއި ގުޅިގެން ލުބުނާންގެ ދެކުނުގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުން ދަނީ އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަށް ވަރަށް ގަދަ އަށް ހަމަލާދީ އެ ސަރަހައްދުގައި ދިރިއުޅުން 60،000 ހާސް އިސްރާއީލުގެ ރައްޔިތުން އެހެން ސަރަހައްދުތަކަށް ބަދަލުވާން މަޖުބޫރުކޮށްފައެވެ.