ދުނިޔޭގެ ވެސް އެންމެ ނުފޫޒުގަދަ ވެރިންގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ ސަރުކާރާ ދެކޮޅަށް ބަޣާވާތެއް ހިންގައި ވާގްނާރް ކުލީ ސިފައިން މުޅި ދުނިޔެ ހައިރާންކޮށްލި ފަހުން ރަޝިއާއިން ވަނީ ވެގްނަރ ގްރޫޕްގައި މޫލާފައިވާ ބަޤާވަތުގެ މޫތައް މުޅިން ނަގައި އެ ހަނގުރާމަ މަތީ ގުރޫޕްގެ މަތީފަންތީގެ އިސްވެރިން އެއްކޮށް ބަދަލުކޮށްފައި ކަމަށް ދުނިޔޭގެ ސިޔާސީ ކަންކަން ދިރާސާ ކުރާ ތަޖުރިބާކާރުންނާ ހަވާލާދީ އިނގިރޭސިވިލާތުގެ އެންމެ ބޮޑު މީޑިއާ ބީބީސީން ބުނެފިއެވެ.

ވާގްނަރ ޕެރަމިލިޓަރީ ފޯސްގެ ކުރީގެ ލީޑަރު ޔެވްޖެނީ ޕްރިގޯޒިން 23 ޖޫން 2023 ގައި އެ ޖަމާއަތުން ހަނގުރާމަ ކުރަމުން ދިޔަ ޔޫކްރެއިން އިން ނިކުމުގެ ރަޝިއާ ޔޫކުރޭން ބޯޑަރު ހުރަސްކޮށް ރަޝިއާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރޮސްޓޮވް އެ ގުރޫޕްގެ ބާރުގެ ދަށަށް ގެނެއީ އެ ގުރޫޕާއި ރަޝިއާގެ އަސްކަރިއްޔާ އާއި ދެމެދު އުފެދިފައިވާ ނުތަނަވަސް ކަން ހައްލުކުރުމަށް ރަޝިއާގެ އަސްކަރީ ލީޑަރުންނާ އެކު އެތައް މަހެއް ވަންދެން ކުރެވުން މަޝްވަރާތައް ނާކާމިޔާބު ވުމުންނެވެ.

ވާގްނާރަ ޖަމާއަތުން ވަނީ ރޮސްޓޮވް ހިފުމަށް ފަހު ރަޝިއާގެ ވެރި ރަށް މޮސްކޯ ވެސް ހިފާނެ ކަމަށް ބުނެ މޮސްކޯ އާއި ދިމާލަށް ވެސް މިސްރާބު ޖަހާފައެވެ. އަދި މޮސްކޯ އަށް ދަތުރު ފެށުމުން ވެސް ރަޝިއާގެ އަސްކަރިއްޔާ އިން އެ ގުރޫޕްގެ ހަތިޔާރު އެޅި ގާފިލާތަކަށް އެއްވެސް ހަމަލާއެއް ދީފައެއް ނުވެއެވެ. ވާގްނާރ ގުރޫޕުން ވަނީ އޭގެ އެއް ދުވަސް ފަހުން ރަޝިއާގެ ވެރި ރަށް މޮސްކޯ ހިފުމަށް ފެށި ދަތުރު ނިންމާލާފައެވެ.

ރަޝިއާ އާއި ދެކޮޅަށް ކުރި ބަޤާވަތަށް 2 މަސް ވި ތަނުން ކުއްލި އަކަށް ވާގްނަރ ގުރޫޕްގެ އިސްވެރިޔާ ޕުރިގޮޒްހިން އަދި އެ ގުރޫޕްގެ މުހިންމު އިސްވެރިން ދަތުރު ކުރި މަތިންދާ ބޯޓު ވެއްޓި މަރުވުމުގެ ސަބަބުން ވާގްނާރ ގުރޫޕުގެ ނުފޫޒާއި ބާރު ދައްވިއެވެ. އަދި އެ ގުރޫޕް ބައި ބައިވެ ރަޝިއާގެ އެކި ސުޓޭޓްތަކުގައި ހަރަކާތްތެރި ވަމުންދާ ކަމަށް ހުޅަނގުގެ އަސްކަރީ މާހިރުން ވަނީ ބުނެފައެވެ.

ރަޝިއާ އަށް ވާގްނަރ ގުރޫޕަކީ އަސްކަރީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ވެސް ވަރަށް މުހިންމު ޖަމާއަތަކަށް ވާތީ ރަޝިއާގެ ވެރިން އެ ޖަމާއަތް އެއްކޮށް އުވިނުދޭނެ ކަމަށް ވެސް ބޭރުގެ ސިޔާސީ މާހިރުން ވަނީ ބުނެފައެވެ.

ރަޝިއާގެ ރައީސް ޕުޓިން ބޭނުންވީ ރަޝިއާގެ އަސްކަރިއްޔާގައި ހިމެނޭ އެހެން ކުލީ ސިފައިންނަށާއި ހަނގުރާމަ މަތީ ގުރޫޕްތަކަށް ވަރުގަދަ މެސެޖެއް ދޭން ކަމަށާއި އެ މެސެޖަކީ ވަފާތެރި ކަމާއި އެކީ ތިބޭ ނަމަ ރަޝިއާ އިން ފައިދާ ވާނެ ކަމަށާއި ނަމަވެސް ބަޤާވަތް ކުރަން އުޅެފި ނަމަ އޭގެ ނަތީޖާ ވަރަށް ހިތިވާނެކަން ކަމަށް އދ.ގެ ކުލީ ސިފައިންނާ ބެހޭ ވޯކިން ގްރޫޕްގެ މެމްބަރު އަދި ޔުނިވާސިޓީ އޮފް ކޯޕަންހޭގަންގެ ލެކްޗަރާ ޑރ ސޮރްޗާ މެކްލިއޯޑް ބީބީސީ އަށް ދިން އިންޓަވިއު އެއްގައި ވަނީ ބުނެފައެވެ.

އެތައް އަހަރެއް ވަންދެން ވާގްނާރ ގުރޫޕަކީ އެފްރިކާ އާއި ސީރިއާގެ އެކި ސަރަހައްދުތަކުގައި ރަޝިޔާއިން ހިންގާ އަސްކަރީ އޮޕަރޭޝަންތަކަށް ވަރަށް ބޭނުންތެރި ގުރޫޕެކެވެ. ނަމަވެސް ވާގްނަރ ހަނގުރާމަ މަތީ ޖަމާއަތުގެ ބޭނުން ރަޝިއާ އިން އެންމެ ބޮޑަށް ހިފާފައި ވަނީ ޔޫކުރޭނުގެ ހަނގުރާމައިގެ ތެރޭގައެވެ.

2022 ވަނަ އަހަރުގެ ފަހުކޮޅާއި 2023 ވަނަ އަހަރުގެ ކުރީކޮޅު ވެގްނަރ ހަނގުރާމަ މަތީ ޖަމާއަތަކީ ހަނގުރާމައިގެ މައިދާނުގައި ރަޝިއާ އަށް ލިބުނު މަދު ކާމިޔާބީތަކުގެ އެންމެ މުހިންމު އެއް ދައުރެއް އަދާކުރި ފަރާތެވެ. ޔޫކުރޭންގެ ބަޚްމުތު ސަހަރު ހިފުމަށް އެތައް މަހެއް ވަންދެން ހިނގަމުން ދިޔަ ވަރުގަދަ ހަނގުރާމައިގެ ކުރިން، އިރުމަތީގެ ޔޫކުރޭނުގެ ބޮޑު ސަހަރެއް ކަމަށްވާ ސޮލޭދާރު ސަހަރު ވާގްނަރ ހަނގުރާމަ މަތީ ގުރޫޕް ވަނީ ހިފާފައެވެ.

އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ބުނި ގޮތުގައި ހަނގުރާމަ އެންމެ ހޫނުވެގެން ދިޔަ ވަގުތު ވެގްނާގެ 50،000 އެއްހާ ކުލީ ސިފައިން ޔޫކްރެއިންގައި ތިބި ކަމަށެވެ. ވާގްނަރ ހަނގުރާމަ މަތީ ޖަމާއަތުގައި ގިނައިން ހިމެނެނީ ޖަލުތަކުން މިނިވަން ކޮށްފައިވާ ޤައިދީން ކަމަށް އެމެރިކާ އިން ވަނީ ބުނެފައެވެ.

ރަޝިއާ އިން މިހާރު މި ވަނީ ވާގްނަރ ގުރޫޕަކީ ސީދާ ރަޝިއާގެ ވެރިންގެ އޯޑަރަށް އޮޕަރޭޓް ކުރާ ހަނގުރާމަ މަތީ ޖަމާއަތަކަށް ހަދާފައެވެ.