ނިރުބަވެރި އިސްރާއީލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި ހުޅަނގު އައްސޭރީން މިއަހަރުގެ މިހާތަނަށް 54 ކުޑަކުދިން ޝަހީދުކޮށްލާފައިވާ ކަމަށް ޑިފެންސް ފޯ ޗިލްޑްރެން އިންޓަނޭޝަނަލް ފަލަސްތީނުން ބުނެފިއެވެ.

އެ ޖަމިއްޔާއިން ބުނީ، މިއަހަރުގެ މިހާތަނަށް ހުޅަނގު އައްސޭރީން 54 ކުޑަކުދިން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި އެމެރިކާއަށް ނިސްބަތްވާ ދެ ކުދިން ވެސް ހިމެނޭ ކަމަށެވެ.

ޖަމިއްޔާއިން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ނިރުބަވެރި އިސްރާއީލުން ވަނީ ހުޅަނގު އައްސޭރީން 135 ކުޑަކުދިން ޝަހީދުކޮށްލާފައެވެ.

2023 ވަނަ އަހަރަށް ބަލާއިރު، އެ އަހަރު ހުޅަނގު އައްސޭރީން 121 ކުދިން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރެއިން 13 ކުދިން ޝަހީދުކޮށްލާފައިވަނީ ޑްރޯން ހަމަލާތަކުގައެވެ. ހަތަރު ކުދިން އެމެރިކާއިން ހަދިޔާކޮށްފައިވާ ހެލިކަޕްޓަރުން ފޮނުވާލި މިސައިލް ހަމަލާގައި ޝަހީދުކޮށްލާފައިވާއިރު، އެއް ކުއްޖަކު ވަނީ އިސްރާއީލުގެ ހަނގުރާންމަތީ މަތިންދާބޯޓުތަކުން ދިން ހަމަލާގައި ޝަހީދުކޮށްލާފައެވެ.

އެޖަމިއްޔާއިން ބުނީ، އިސްރާއީލުން ހަނގުރާމަ ކުރަމުން އަންނަ ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ކަމަށާއި އެކަމުގެ ހެކި ވެސް އެބަ ހުރި ކަމަށެވެ. އެގޮތުން ސީދާ ހަމަލާތައް އަމާޒުކޮށްފައިވަނީ ފަލަސްތީނުގެ ކުޑަކުދިންނަށް ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ނިރުބަވެރި އިސްރާއީލުން ވަނީ ހުޅަނގު އައްސޭރީން 500 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ.