އެފްރިކާގެ ގައުމެއް ކަމަށްވާ ނެމީބިއާ އިން ތެލާއި ގުދުރަތީ ގޭހުގެ ވަރަށް ބޮޑު ރިޒާވެއް ފެނިފައިވާ ކަމަށް ދުނިޔޭގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ތެޔޮ އުފައްދާ އެފްރިކާގެ ގިނަ ޤައުމުތަކަކީ އެފްރިކާ ބައްރުގެ ހުޅަނގު، އުތުރު އަދި މެދުތެރޭގެ ސަރަޙައްދުތަކާއި، ދެކުނު އަދި އިރުމަތީ ސަރަޙައްދުތަކުގައި އޮންނަ ޤައުމުތަކެކެވެ. އެންގޯލާ ފިޔަވައި، ދުނިޔޭގެ ތެލުގެ ބާޒާރަށް އެހީވުމަށް ތެލުގެ ބޮޑު ކޯޓާއެއް އުފައްދާ ދެކުނު އެފްރިކާގެ ގައުމެއް ނެތެވެ. އެހެންނަމަވެސް، ފާއިތުވި އަހަރުތަކުގައި ހޯދި ހޯދުންތަކުގެ ސަބަބުން، ނަމީބިއާ އިން ތެލުގެ ވަރަށް ބޮޑު ރިޒާވެއް ފެނި އެ ގައުމު ދުނިޔޭގެ ތެލުގެ އިންޑަސްޓްރީ އަށް ނިކުންނާނެ ކަމަށް ދުނިޔޭގެ މީޑިއާތަކުން މި ވަނީ ރިޕޯޓްކޮށްފައެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް މީޑިއާ ކަމަށްވާ ރޮއިޓާސް އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ފާއިތުވި އަހަރުތަކުގައި އެފްރިކާގެ ދެކުނުގެ ގައުމެއް ކަމަށްވާ ނެމީބިއާގައި ދުނިޔޭގެ ތެޔޮ އުފައްދާ ބޮޑެތި ކުންފުނިތަކުން ތެޔޮ ހޯދުމުގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ނެމީބިއާގެ އައްސޭރިފަށުން 270 ކިލޯމީޓަރު ދުރުން ލައިޓް އޮއިލް ފެނިފައިވާ ކަމަށް ނޭޝަނަލް ޕެޓްރޯލިއަމް ކޮމްޕެނީ އޮފް ނެމީބިއާ (ނަމްކޯރު) އިން 2023 ވަނަ އަހަރު ވަނީ އިއުލާން ކޮށްފައެވެ.

އެގައުމުން އަދި ތެޔޮ އުފެއްދުމުގެ އަމަލީ މަސައްކަތް ފަށާފައި ނުވާއިރު، ޓޯޓަލް އެނާޖީސް (ޓީޓީއީއެފް) ފަދަ ހަކަތަ އުފައްދާ ކުންފުނިތަކުންނާއި ޝެލް ފަދަ ތެޔޮ އުފައްދާ ކުންފުނިތަކުން އަންދާޒާ ކޮށްފައިވާ ގޮތުގައި 2.6 ބިލިއަން ފީފާގެ އަގު ހުރި ތެޔޮ ނެމީބިއާގެ އެކި ސަރަހައްދުތަކުގައި އެބަ ހުއްޓެވެ. ދުނިޔޭގެ ތެޔޮ އުފައްދާ ބޮޑު ކުންފުއްޔެއް ކަމަށްވާ ޝެވްރޮން އިން ބުނެފައިވަނީ 2025 ވަނަ އަހަރުގެ ކުރިން އެ ކުންފުނިން ވެސް ނެމީބިއާގައި ތެޔޮ ހޯދުމުގެ ހޯދުންތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ދުނިޔޭގެ ތެލުގެ އިންޑަސްޓްރީގެ ބޮޑެތި ކުންފުނިތަކުގެ މި ހޯދުންތަކުގެ ސަބަބުން 2030 ވަނަ އަހަރާ ހަމައަށް ނެމީބިއާ އަށް ތެޔޮ އުފެއްދުމުގެ ޤާބިލްކަން ލިބިގެންދާނެ ކަމަށް އަންދާޒާ ކުރެެވޭ ކަމަށް ރުއެޓާސް އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. 655548

    ކޮބާ އެމެރިކާ؟ ތިގައުމައް ވާނެ ޑިމޮކްރަސީ ގެނެސްދޭން.

    30
    0
  2. ބޮޑު ކަތީބު

    ޔޫރަޕްގެ ޤައުމުތައް ހިންގަނީ އެފްރިކާ ނޮޅާލައިގެން. ތިޔަ ޤައުމުގެ ދުވަސް ދިޔައީ. ތިޔަ ޤައުމުގެ ވެރިއަކަށް އަންނަ ކޮންމެ މީހަކު ޔޫރަޕްގެ ޑިމޮކްރަސީއަށް ތަބާވެ، ޤައުމުގެ މުއްސަނދިކަން އެމީހުންނަށް ކުޑަ އަގެއްގައި ވިއްކާލާނެ ކަން ޔަޤީން. އޭޝިއާ ބައްރުގެ ޤުދުރަތީ މުއްސަނދިކަން ފޭރިގަންނަނީ ތިޔަ ބުނާ ތަހުޒީބު ވެފައިވާ ޔޫރަޕުން.

  3. Anonymous

    އެމެރިކާއިން އެބައަންނަން. ޑިމޮކްރަސީ ގެނެސްދޭން.

  4. ނެމީ

    ދިވެހިރާއްޖެ ވަނީ ނެމީބިއާ އެކު ސިޔާސީ ގުޅުން ގާއިމުކޮށްފައެވެ. ދިވެހިރާއްޖޭގެ މިނިވަން ކަމަށް ފަންސަވީސް އަހަރު ފުރުނު ރިހިޔޫބީލްގެ ކުލަގަދަ އިޙްތިފާލުތައް އަޅުގަނޑުމެން ފެށީ ނެމީބިއާއާއެކު ސިޔާސީ ގުޅުން 25 ޖުލައި 1990 ދުވަހު ގާއިމުކޮށްފައެވެ. އެއީ އަދުގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ނެމީބިއާއިން ތެޔޮފެނި އެމަނިކުފާނުގެ ދުރުވިސްނުންފުޅު ތެލުގެ މުއްސަނދިކަން ލިބޭ އެގައުމުން ދިވެހިރާއްޖޭގައި ބޮޑެތި އިންވެސްޓްތައް ކުރާނެތީ އެވެ.