ޕާކިސްތާނުގައި އާދަޔާ ޚިލާފަށް ހޫނުގަދަވެ، ކޮންމެ ދުވަހަކު އެތައް ބަޔަކު ހީޓްސްޓްރޯކް ޖެހިގެން މަރުވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޕާކިސްތާނުގެ އެދީ އެމްބިއުލާންސްގެ ހިދުމަތުން ބުނާ ގޮތުގައި ހޫނުގަދަވެގެން މީހުން މަރުވަމުންދާތީ އާންމުކޮށް ދުވާލަކު ގާތްގަނޑަކަށް 30 އާއި 40 އާއި ދެމެދުގެ އަދަދަކަށް މީހުން ކަރާޗީ ސިޓީގެ މޯޗަރީއަށް ގެންދަންޖެހެއެވެ. އެގޮތުން ފާއިތުވީ ހަ ދުވަސް ތެރޭގައި ގާތްގަނޑަކަށް 568 ހަށިގަނޑު މޯޗަރީއަށް ގެންދެވުނު ކަމަށް އެމްބިއުލާންސް ޚިދުމަތުން ވަނީ ބުނެފައެވެ. އޭގެ ތެރެއިން 141 ހަށިގަނޑު ގެންދިޔައީ މިދިޔަ އަންގާރަ ދުވަހު ކަމަށް އެ ޚިދުމަތާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

އެ މީހުން މަރުވެފައި ވަނީ ކޮން ސަބަބަކާއި ހެދިކަން އެމްބިއުލާންސް ޚިދުމަތުން ހާމަނުކުރި ނަމަވެސް މަރުވި މީހުންގެ އަދަދު އިތުރުވެފައިވަނީ ކަރާޗީގެ ފިނިހޫނުމިން 40 ސެލްސިއަސް (104އެފް) އަށް ވުރެ މައްޗަށް ގޮސް، އިހުސާސްކުރެވޭ ހޫނުމިން 49 ސެލްސިއަސް އަށް އެރުމާއި ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ. ހޫނުގަދަވުމުގެ ސަބަބުން ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަން ޖެހޭ އަދަދުވެސް ވަނީ އިތުރުވެފައެވެ.

އެމަޖެންސީ ޑިޕާޓްމަންޓްގެ ވެރިޔާ ޑރ އިމްރާން ސަރްވާރު ޝެއިޚް ވިދާޅުވިގޮތުގައި ސިވިލް ހޮސްޕިޓަލް ކަރާޗީގައި އާދީއްތަ ދުވަހާއި ބުދަ ދުވަހާ ދެމެދު ހީޓްސްޓްރޯކް ޖެހިގެން 267 މީހަކު އެޑްމިޓްކޮށްފައި ވެއެވެ. އަދި އޭގެ ތެރެއިން 12 މީހަކު މަރުވެފައިވާއިރު، ފަރުވާ ހޯދަން އަންނަ ގިނަ މީހުންނަކީ 60 ނުވަތަ 70 އަހަރުގެ މީހުން ކަަމަށް އޭނާ ވިދާޅުވިއެވެ. އަދި އުމުރުން ދުވަސްވީ 45 ވަރަކަށް މީހުންނަށް ފަރުވާދީފައިވާއިރު، 20 އަހަރުގެ ދެމަފިރިއަކަށްވެސް ފަރުވާދީފައިވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުން ފަރުވާދިން ގިނަ މީހުންގެ ކިނބައިން ފެނުނު އަލާމާތްތަކުގެ ތެރޭގައި ހޮޑުލުމާއި، ބޭރަށްހިންގުމާއި، ގަދަ ހުމުގެ އަސަރު ހިމެނެއެވެ.

މިދިޔަ ހަފްތާ ބަންދުގައި ހޫނުގަދަވާން ފެށިގޮތަށް އެ ގައުމުގައި ހޫނުމިން ދަށް ނުވާ ކަމަށް ކަމާއި ބެހޭ މާހިރުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު