ތެޔޮ ހުސްވުމުގެ ސަބަބުން ފަލަސްތީނުގެ ޣައްޒާގައި ރެސްކިއު މިޝަންތައް ކޮންމެ ވަގުތަކު ވެސް ހުއްޓިދާނެ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އިން ބުނެފިއެވެ.

ފަލަސްތީނުގެ ޣައްޒާގެ ސިވިލް ޑިފެންސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޖަމިއްޔާގެ އަތުން ތެޔޮ ހުސްވަމުންދާ ކަމަށާއި މި ކަމުގެ ސަބަބުން އެ ޖަމިއްޔާގެ ރެސްކިއު މިޝަންތައް ކޮންމެ ވަގުތަކު ވެސް ހުއްޓިދާނެ ކަމަށުގެ ބިރު މިހާރު އެބައޮތް ކަމަށެވެ.

އެ ޖަމިއްޔާގެ މީސް މީޑިއާގެ ޕުލެޓްފޯމް ޓެލެގްރާމް ޗެނަލްގައި ބުނެފައި ވަނީ މިއަދު ހެނދުނު އެކަނިވެސް ރެސްކިއު ކްރޫއިން ފަލަސްތީނުގެ ޣައްޒާގެ އެކި ހިސާބުތަކުގައި ގިނަ މިޝަންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ޣައްޒާ ސިޓީގެ ސަބްރާ އަވަށުގައި ޔަހޫދިންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ދިން ވަރުގަދަ ހަމަލާތަކުގައި ހަތަރު ގެއަކުން ޝަހީދުވި މީހުންނާއި ސަލާމަތްވި މީހުންގެ އިތުރުން ޝުޖާޔާ ސަރަހައްދުގެ ވަކި ދެ ގެ އަކަށް ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ދިން ހަމަލާގައި ޒަހަމްވި މީހުން ސަލަމާތް ކުރުން ވެސް ހިމެނޭ ކަމަށެވެ.

ޣައްޒާ އިން ތެޔޮ ހުސްވެއްޖެ ނަމަ ގިނަ އަދަދެއްގެ ރައްޔިތުން ތަކެއް ސަލާމަތް ކުރުމުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދަން އެ ޖަމިއްޔާ އަށް ވަރަށް ބޮޑަށް އުނދަގޫ ވާނެ ކަމަށް ވެސް އެ ޖަމިއްޔާގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ފަލަސްތީނުގެ ޣައްޒާގެ އުތުރުގެ ސަރަހައްދުތަކުގައި ޞިއްޙީ ނިޒާމު ވަނީ މުޅިން ހަލާކުވެފައިވާ ކަމަށާއި ޙަޤީޤަތަކީ މި ކަމަށް ބައިނަލް އަޤްވާމީ މުޖުތަމައު އިން ވެސް އަޅާނުލާކަން ކަމަށް އެ ޖަމިއްޔާ އިން ވަނީ ބުނެފައެވެ. ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާގެ ހަމަލާތައް ހުއްޓުމެއް ނެތި ދަނީ ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް އަމާޒުކޮށްގެން ދެމުންނެވެ.