އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމާއި ގުޅިގެން ކާނާ ނުލިބި ބަނޑުހައިހޫނުކަމުގެ ޝިކާރައަކަށްވެ ފަލަސްތީނުގެ އަންހެން ކުއްޖެއްގެ ފުރާނަ ގެއްލިއްޖެއެވެ.

ސިއްހީ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ އަންހެން ކުއްޖާ ޝަހީދުވީ ޣައްޒާގެ ކަމަލް އަދްވާން ހޮސްޕިޓަލުގައި ރޭގަނޑުގެ ވަގުތެއްގައެވެ.

ހަނގުރާމައިގެ ތެރޭގައި ބަނޑުހައިހޫނުކަން ނުވަތަ ޑީހައިޑްރޭޝަންގެ ސަބަބުން ޝަހީދުވި އެތައް ކުޑަކުދިންގެ ތެރޭގައި އޭނާ ހިމެނެއެވެ.

ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ކޮންމެ ފަސް މީހަކުން އެކަކަށް ކާބޯތަކެތީގެ ނުލިބި ސިއްހީ ނުރައްކާތެރިކަމާއި ކުރިމަތިވެފައިވާ އިރު، އިތުރު އެތައް ބަޔަކަށް ވެސް އެފަދަ ހާލަތެއް ކުރިމަތިވެދާނެ ކަމަށް އދގެ ބަނޑުހައިހޫނުކަން މޮނިޓާ ކުރާ ނިޒާމުން ބުނެފައި ވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުދަ ދުވަހު ބުނިގޮތުގައި އޮކްޓޯބަރު މަހުގެ ކުރީކޮޅުން ފެށިގެން ޣައްޒާގައި 32 މީހުން ދުނިޔެ ދޫކޮށްފައި ވަނީ ބަނޑުހައިހޫނުކަމުގެ ސަބަބުންނެވެ. އޭގެ ތެރޭގައި ފަސް އަހަރުން ދަށުގެ 28 ކުޑަކުދިން ހިމެނެއެވެ.

އޭނާ ވިދާޅުވީ ފަސް އަހަރުން ދަށުގެ 8،000 އަށް ވުރެ ގިނަ ކުދިންނަށް ބަނޑުހައި ހޫނުކަމުގެ މައްސަލަތަކާއި ކުރިމަތިވެ، ފަރުވާ ދީފައިވާ ކަމަށާއި އޭގެ ތެރޭގައި ސިވިއާ އެކިއުޓް މަލްނިއުޓްރިޝަން ހުންނަ 1،600 ކުދިން ހިމެނޭ ކަމަށެވެ.