ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގެ ތެރެއިން ފާއިތުވި 24 ގަޑިއިރު 47 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނެފައިވަނީ ނިރުބަވެރި އިސްރާއީލުން ފާއިތުވި 24 ގަޑިއިރު ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި 47 މީހުން ޝަހީދުކުރުމާއި އެކީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 37،765 އަށް އަރާފައިވާ ކަމަށެވެ.

ފާއިތުވި 24 ގަޑިއިރު 47 މީހުން ޝަހީދުކޮށްލާފައިވާއިރު، އިތުރު 52 މީހަކަށް އެކިވަރުގެ ޒަހަމްތައް ދީފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. މިއާއި އެކީ ޖުމްލަ ޒަހަމްކޮށްލާފައިވާ މީހުންގެ އަދަދު ވެސް ވަނީ 86،429 އަށް އަރާފައެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހަމަލާތަކެއް ދޭން ފަށާފައިވަނީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަަތުގެ މުޖާހިދުން އިސްރާއީލާއި ދެކޮޅަށް އެދުވަހު ދިން ހަމަލާތަކާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ.

ބަދަލު ހިފުމުގެ ގޮތުން ދެމުން އަންނަ މި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ އާންމުންގެ ގިނަ ބަޔަކު ޝަހީދުކޮށްލާފައިވާއިރު، އިސްރައީލުން ބުނަމުން އަންނަނީ އެ ހަމަލާތަކަކީ ހަމާސް ޖަމާއަތުގެ މުޖާހިދުންނަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތައް ކަމަށެވެ.

މި ހަމަލާތައް އެންމެ ގިނައިން އަމާޒުކޮށްފައިވަނީ ޣައްޒާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ކަން ވެސް ފާހަގަ ކޮށްލެވެއެވެ.