އިންޑިއާގެ ވެރިކަން ކުރާ ސިޓީ ނިއު ދިއްލީގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލް އެކެެއްގެ ފުރާޅުން ބައެއް ވެއްޓި ބަޔަކަށް އަނިޔާވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ހިނގި މި ހާދިސާގައި ފުރާޅުގެ ބައެއް ވެއްޓިފައި ވަނީ ޓެކްސީތައް ހިމެނޭ ގޮތަށް ކާރުތަކެއްގެ މައްޗަށެވެ. މި ހާދިސާގައި ހަ މީހަކަށް އަނިޔާވެފައި ވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ފުރާޅު ވެއްޓުނު ކަމުގެ މައުލޫމާތު ދިއްލީ ފަޔަރ ސަރވިސަސްއަށް ލިބިފައި ވަނީ މިއަދު ފަތިހު 5:30 ހާއިރެވެ.

ރޫފް ޝީޓުގެ އިތުރުން ސަޕޯޓް ބީމްތައް ވެސް ވެއްޓި ޓާމިނަލްގެ ޕިކަޕް އެންޑް ޑްރޮޕް އޭރިއާގައި ޕާކުކޮށްފައި ހުރި ކާރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ދިޔަ ކަަމަށް ރިޕޯޓްތައް ބުނެއެވެ. މި ހާދިސާގައި ޒަހަމްވި އެންމެން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

"ފަތިހު 5:30 އެހާކަންހާއިރު ދިއްލީ އެއާޕޯޓުގެ ޓާމިނަލް-1 ގެ ފުރާޅު ވެއްޓުނު ކަމުގެ މައުލޫމާތު ލިބުނީ. އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ ތިން އުޅަނދެއް މިހާރު ވަނީ އެ ސަރަހައްދަށް ގެންގޮސްފައި،" ދިއްލީ ފަޔާ ސާވިސަސްގެ އޮފިޝަލަކު ވިދާޅުވި އެވެ.

މި ހާދިސާއަށް ފަހު ފުރާޅު ވެއްޓުނު ވެހިކަލްތަކުގައި އިތުރު މީހަކު ތާށިނުވާތޯ ބެލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން ޓާމިނަލް 1އިން ފުރުން ވަގުތީ ގޮތުން މެދުކަނޑާލައި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޗެކް-އިން ކައުންޓަރުތައް ވެސް ވަނީ ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު