ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމުގެ ތެރެއިން ނިރުބަވެރި ސިފައިންގެ މީހަކު މަރުފައިވާކަން އެ ގައުމުގެ އަސްކަރިއްޔާ (އައިޑީއެފް)އިން ހާމަކޮށްފިއެވެ.

އައިޑީއެފް އިން ބުނިގޮތުގައި، ޣައްޒާގެ ދެކުނުގައި އިއްޔެ ހިނގި ކުރިމަތިލުމެއްގައި ސިފައިންގެ މީހަކު މަރުވެފައިވާ ކަމަށެވެ.

މަރުވެފައިވަނީ ނަހަލް ބްރިގޭޑްގެ 931 ވަނަ ބަޓަލިއަންގެ 19 އަހަރުގެ ސާޖަންޓެކެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން މިހާތަނަށް އެގައުމުގެ 667 ސިފައިން ވަނީ މަރާލާފައެވެ. އަދި ގާތްގަނޑަކަށް 4،000 މީހުން ޒަޚަމްވެފައިވާ ކަަމަށްވެސް ބުނެފައި ވެއެވެ.

އިއްޔެ ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ނުހައްޤުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ވެސް ވަނީ ސިފައިންގެ މީހަކު މަރުވެފައެވެ.

އެ ސަރަހައްދުގައި ދިން ބޮމުގެ ހަމަލާއެއްގައި އިސްރާއީލު ސިފައިންގެ 17 މީހަކު ވަނީ ޒަހަމްވެފައެވެ.