ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ އޮޕަރޭޝަނުގެ ތެރެއިން އެސަރަހައްދުގައި ހުރި ގެއަކަށް ވަނުމުން އެތަން ގޮއްވާލައި، ފަސް ސިފައިން މަރާލައިފިއެވެ.

އިސްރާއީލުގެ ބައެއް މީޑިއާތަކާއި ހަވާލާދީ "އަލްޖަޒީރާ" ނޫޙުން ބުނީ، އެމީހުން މަރާލާފައިވަނީ އިސްރާއީލްގެ ސިފައިން ޝުޖާޔާ ސަރަހައްދުގައި ހިންގަމުން އަންނަ އޮޕަރޭޝަނުގެ ތެރެއިން އެސަރަހައްދުގައި ހުރި ގެއަކަށް ވަނުމުން ކަމަށެވެ.

އެގޮތުން އެމީހުން އެ ގެއަށް ވަން ވަގުތު އެތަން ގޮއްލާފައިވާ ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ. ރިޕޯޓްތަކުން ބުނާ ގޮތުގައި މި ހަމަލާގައި އިސްރާއީލް ސިފައިންގެ 5 މީހަކު ވަނީ މަރާލާފައެވެ. އަދި އިތުރު 5 މީހަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށް ވަނީ ބުނެފައެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ އެ ގޭގައި ހަމާސް ޖަމާއަތުގެ މުޖާހިދުން ވަނީ ގިނަ އަދަދެއްގެ ގޮވާތަކެތި ބަހައްޓާފައެވެ. އޭގެ ތެރޭގައި އެފް-16 ބޮމެއް ވެސް ވާ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އެ ބޮން ގޮވާފައި ނުވާ ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ.

މި ހަމަލާގައި އިސްރާއީލުގެ 5 ވަރަކަށް ސިފައިން މަރާލާފައިވާ ކަމަށް ހަމާސް ޖަމާއަތުން ބުނި ނަމަވެސް މިކަން އަދި އިސްރާއީލުގެ އަސްކަރިއްޔާއިން ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގެ ތެރެއިން ޣައްޒާ ތެރެއަށް ވަދެ ކުރަމުން އަންނަ ހަނގުރާމައިގެ ތެރެއިން އިސްރާއީލް ސިފައިންގެ ގިނަ ބަޔަކު މަރާލާފައިވާ ކަމަށް ހަމާސް ޖަމާއަތުން ވަނީ ބުނެފައެވެ.