އިންޑިއާގެ ވެރިކަން ކުރާ ސިޓީ ނިއު ދިއްލީގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލް އެކެެއްގެ ފުރާޅުން ބައެއް ވެއްޓި ބައެއް މީހުން މަރުވި ހާދިސާއާ ގުޅިގެން އެ ގައުމުގެ ހުރިހާ އެއާޕޯޓެއްގެ އިންސްޕެކްޝަން ހަދަން ނިންމައިފިއެވެ.

އިއްޔެ ދިއްލީ އެއާޕޯޓު ހުންނަ ސަރަހައްދަށް ބޯކޮށް ވާރޭވެހި ހިނގި އެ ހާދިސާގައި ފުރާޅުގެ ބައެއް ވެއްޓިފައި ވަނީ ޓެކްސީތައް ހިމެނޭ ގޮތަށް ކާރުތަކެއްގެ މައްޗަށެވެ. ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އެއާޕޯޓުގެ ބައެއް ސަޕޯޓް ބީމްތައް ވަނީ ކާރުތަކެއްގެ މައްޗަށް ވެއްޓިފައެވެ.

ކާރެއްގެ ތެރޭގައި ޑްރައިވަރަކު ޗަސްވެފައި އޮތް މަންޒަރު ވެސް ދަނީ އާންމުވަމުންނެވެ. އެ ހާދިސާގައި މަރުވެފައި ވަނީ އެ މީހާ އެކަންޏެވެ. އޭގެ އިތުރުން، ފަސް މީހަކަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފައެވެ.

އެ ހާދިސާއާ ގުޅިގެން އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ރާމް މޯހަން ނައިޑޫ ވަނީ އެއާޕޯޓު ހުންނަ ސަރަހައްދަށް ވަޑައިގެންފައެވެ. މީޑިއާތަކާއި ވާހަކަ ދައްކަވަމުން ނައިޑޫ ވިދާޅުވީ، އެކަމުގެ ހަބަރު ލިބުމާއެކު ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިރުޝާދު ވަގުތުން ލިބިވަޑައިގެންނެވި ކަމަށެވެ.

އެންޑީޓީވީއާ ވާހަކަ ދައްކަމުން އޭނާ ވިދާޅުވީ، ކައިރި ކައިރީގައި އެފަދަ ދެ ހާދިސާ ހިނގުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށެވެ. އެކަމާއި ގުޅިގެން އިންޑިއާގެ 157 އެއާޕޯޓުގެ ސްޓްރަކްޗަރަލް އިންސްޕެކްޝަން ހެދުމަށް އަންގާފައިވާނެ ކަމަށް ނައިޑޫ ވިދާޅުވިއެވެ. އަދި އެ އިންސްޕެކްޝަން ރިޕޯޓުތައް ފަސް ދުވަހުގެ ތެރޭގައި ހުށަހެޅުމަށް ކަމާއި ބެހޭ ފަރާތްތަކަށް އަންގަވާފައިވާނެ ކަމަށް ވިދާޅުވިއެވެ.

މި މަހުގެ 13 ވަނަ ދުވަހު މަގާމާ ހަވާލުވެވަޑައިގެންނެވި ނައިޑޫ ވިދާޅުވީ، އެފަދަ އިތުރު އެއްވެސް ހާދިސާއެއް ހިނގިޔަ ނުދިމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އަދި ހާދިސާގައި އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންގޮސް އެކަށީގެންވާ ވަރުވާ ދެމުންދާކަން ޔަގީންކޮށްފައިވާނެ ކަމަށެވެ. ނައިޑޫ ވިދާޅުވި ގޮތުގައި ފަސިންޖަރުންގެ ރައްކާތެރިކަމަކީ އޭނާ އެންމެ އިސްކަން ދެއްވާ އެއް ކަމެވެ.

އެ ހާދިސާއާ ގުޅިގެން އެއާޕޯޓުގެ ޓާމިނަލް 1އިން ފުރުން ވަގުތީ ގޮތުން މެދުކަނޑާލައި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޗެކް-އިން ކައުންޓަރުތައް ވެސް ވަނީ ބަންދުކޮށްފައެވެ.