ފަލަސްތީނުގެ ހައްގުގައި އިސްރާއީލާއިއެކު އޮންނަ ހާރިޖީ ގުޅުން ކަނޑާލަން ގޮވާލައި ސިންގަޕޫރުގައި ހިންގި ހަރަކާތަކާ ގުޅިގެން އެ ހަރަކާތް އިންތިޒާމު ކުރި ތިން އަންހެނަކަށް ދައުވާކޮށްފިއެވެ.

ސިންގަޕޫރުގައި އެހެން ގައުމުތަކާއިއެކު އޮންނަ ހާރިޖީ ގުޅުންތަކާއި ގުޅޭ ގޮތުން މުޒާހަރާ ކުރުމަކީ މަނާ ކަމެކެވެ. އަދި އެ ގައުމުގައި އެހެނިހެން އިހުތިޖާޖުތައް ހިންގެނީ ވެސް ހަނި ދާއިރާއެއްގެ ތެރެއިންނެވެ. އެފަދަ ހަރަކާތްތައް ހިންގާ ނަމަ ކުރިއާލައި ހުއްދަ ހޯދަން ޖެހެއެވެ.

މިދިޔަ ފެބްރުއަރީ މަހު ސިންގަޕޫރުގެ 70 އަށް ވުރެ ގިނަ މީހުން ވަނީ އިސްރާއީލާއިއެކު ސިންގަޕޫރުން ބާއްވަމުންދާ ގުޅުންތައް ހުއްޓާލަން ގޮވާލައި ސިޓީތަކެއް ހިފައިގެން އެ ގައުމުގެ ރިޔާސީ ގަނޑުވަރު އިސްތާނާ ކައިރިއަށް އެއްވެފައެވެ. އެ ގައުމުގެ ބޮޑުވަޒީރު ދިރިއުޅުއްވާ އެ ގަނޑުވަރުގެ މުވައްޒަފުން އަތަށް އެ މުޒާހަރާގެ ބައިވެރިން ވަނީ 140 ސިޓީ ހަވާލުކޮށްފައެވެ.

އެ މީހުން އެތަނަށް ދިޔައީ ފަލަސްތީނުގެ ހައްގުތައް ހޯދަން ގޮވާލާ ހަރަކާތް ރަމްޒުކޮށްދޭ މޭވާ ކަމަށްވާ ކަރާ ކުރަހާފައިވާ ޕޯސްޓަރުތަކާއި ކުޑަތައް ނަގައިގެންނެވެ.

އެ ހަރަކާތް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވީ، އެކްޓިވިސްޓުން، އަނަމަލައި ކޮކިލާ ޕަރުވަތީ، 35، ސިތީ އަމިރާ މުހައްމަދު އަސްރޯރީ، 29، އަދި މޮސައްމަދު ސޮބިކުން ނަހާރް، 25 އެވެ. އެ ތިން މީހުންގެ މައްޗަށް މިހާރު ދައުވާ އުފުލާފައި ވަނީ ކަމާއި ބެހޭ ފަރާތްތަކުގެ ހުއްދަ ނެގުމެއް ނެތި އެ ހަރަކާތް އިންތިޒާމުކޮށްފައިވާތީއެވެ.

އެ ކުށުގެ އަދަބަކަށް އޮންނަނީ 10،000 ސިންގަޕޫރު ޑޮލަރުން ޖޫރިމަނާ ކުރުމާއިއެކު ހަ މަހަށް ޖަލަށް ލުމެވެ. ދައުވާތަކަށް އިންކާރު ކުރާނެ ކަމެއް ނުވަތަ ނޫން ކަމެއް އެ ތިން މީހުން އަދި ހާމަކޮށްފައި ނުވެއެވެ.

އެ ތިން އެކްޓިވިސްޓުން އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނަމަވެސް މިހާރު ވަނީ ބެއިލްގެ ދަށުން ދޫކޮށްލައިފައެވެ.

ގިނަ އަދަދެއްގެ މުސްލިމުން ދިރިއުޅޭ، ސެކިއުލާ ސަރުކާރެއް ހިންގާ ސިންގަޕޫރުގައި ވެސް އިސްރާއީލާއި ދެކޮޅު ޝުއޫރުތައް ވަނީ އާންމުވެފައެވެ. އެހެންނަމަވެސް، ސިންގަޕޫރުގެ ކަމާއި ބެހޭ ފަރާތްތަކުން ބާރު އަޅަނީ އެކަމާ ގުޅިގެން މުޒާހަރާ ކުރުމުގެ ބަދަލުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ހަރަކާތްތަކުގައި ބައިވެރިވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. 3121

    ކޮބާ ސިންގަޕޯރ އާ އޮންނަ ގުޅުން ކަނޑާލަން ރާއްޖޭގައި މުޒާހަރާ ނުކުރޭތަ!!!!!

    3
    6
  2. ަައަހުމަދު845487

    އަޅުގަނޑަށް ހީވަނީ ސިންގަޕޫރުގެ މެޖޮރިޓީ ރެލިޖަން އަކީ ބުޑިސްޓް، މުސްލިމް މެޖޯރިޓިއެއް ނޯވެ އަދިޔަކު.

    10
    1
  3. ސިރާޖް

    ސިންގަޕޫރުގައި މުސްލިމް މެޖޯރިޓީއެއް ނޯނާނެ

    9
    1