ފަލަސްތީނުގެ ޣައްޒާ ގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުން އަންނަ ޖަމާއަތެއް ކަމަށް ވާ ސިވިލް ޑިފެންސް މައި އޮފީހަށް ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ދިން ވައިގެ ހަމަލާއެއްގައި 3 މެޑިކުން ޝަހީދުވެފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުނެފިއެވެ.

ފަލަސްތީނުގެ ސިވިލް ޑިފެންސް އޭޖެންސީގެ ޓީމުތައް އަބަދުވެސް ތިބެނީ ކޮންމެ ކުއްލި ހާދިސާއަކަށް ވެސް އަވަސްވެގަތުމަށް ފުރިހަމަ އަށް ތައްޔާރަށް ނަމަވެސް ފަހަކަށް އައިސް އެ ސަލާމަތީ ޚިދުމަތްދޭ ޖަމިއްޔާ އަށް ވަނީ ޣައްޒާގައި ތިބި އެމީހުންގެ އަމިއްލަ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ދޭ ހަމަލާތަކަށް އިޖާބަދޭން ޖެހިފައެވެ.

މި ހަފްތާގައި އެ އޭޖެންސީން ރިޕޯޓުކުރި ގޮތުގައި، މެދު ޣައްޒާގެ ނުސައިރާތުގައި ހުރި އެ އޭޖެންސީގެ މައި އޮފީސް ކައިރީގައި އިސްރާއީލުން ރޭގަނޑު ދިން ވައިގެ ހަމަލާއެއްގައި އެ އޭޖެންސީގެ 3 މެޑިކުން ވަނީ ޝަހީދުވެފައެވެ.

އދ. އިން ރިޕޯޓުކުރާ ގޮތުގައި، ފަލަސްތީނުގެ ޣައްޒާ ސިޓީގެ ޝުޖާއިއްޔާ ސަރަހައްދުގައި އިސްރާއީލުން އެއްގަމު މަގުން ދެމުންދާ ހަމަލާތަކުގެ ސަބަބުން، ޣައްޒާ ސިޓީގެ އިރުމަތީ އަދި އުތުރު އިރުމަތީ ސަރަހައްދުތަކުން މަދުވެގެން 60،000 - 80،000 އާ ހަމައަށް މީހުން ވަނީ އެ ސަރަހައްދު ތަކުން ފައިބާ، ރައްކާތެރިކަން ހޯދުމަށް ޣައްޒާގެ އެހެން ސަރަހައްދުތަކަށް ގޮސްފައެވެ. މީގެ އިތުރުން، ދެކުނު ޣައްޒާގެ އަލް-މަވާސީ ސަރަހައްދުގައި އިސްރާއީލުން ހިންގާ އޮޕަރޭޝަންތަކުގެ ސަބަބުން ފަލަސްތީނުގެ އެތައް ހާސް ރައްޔިތުން ދަނީ އެ ސަރަހައްދު ދޫކޮށް އެހެން ހިސާބުތަކަށް ދަމުންނެވެ.