ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރީ ބާރުތަކުން ދެކުނު ލުބުނާންގައި ހަރަކާތްތެރިވަމުން އަންނަ ހިޒްބުﷲ ޖަމާއަތުގެ އަސްކަރީ އަމާޒުތަކަށް ބޮން އަޅައިފިއެވެ.

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލް ގެ އަނިޔާވެރި އަސްކަރިއްޔާގެ ސިފައިންގެ ތަރުޖަމާނެއް ބުނިގޮތުގައި އިސްރާއީލުގެ އަސްކަރީ ބާރުތަކުން ދެކުނު ލުބުނާންގައިވާ ހިޒްބުއްﷲ ގެ އަސްކަރީ އަމާޒުތަކަށް އަމާޒުކޮށް ހަމަލާތަކެއް ދީ އެތަންތަން ސުންނާފަތި ކޮށްލާފައިވާނެ ކަމަށެވެ.

އިސްރާއީލުގެ ޔެދިއޯތް އަހަރޯނޯތް ނޫހުގައި ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި، އިސްރާއީލްގެ ހަނގުރާމަވެރި މަތިންދާބޯޓުތަކުން ހިޒްބުﷲ ޖަމާއަތުގެ އެކި އަސްކަރީ އަމާޒުތަކަށް ވަނީ ހަމަލާދީފައެވެ. މީގެ ތެރޭގައި ޒަބްކިން ސަރަހައްދުގައިވާ އެ ޖަމާޢަތުގެ ސިފައިންގެ ތަނަކާއި، ޚިޔާމް ސަރަހައްދުގައިވާ ދެ އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗަރ ސައިޓަކާއި، އަލް-އަދީސާ ސަރަހައްދުގައިވާ ހިޒްބުއްﷲ ގެ އިމާރާތެއް ހިމެނޭ ކަމަށެވެ.

މީގެ ކުރިން ޔަހޫދީ އިސްރާއީލުގެ އަނިޔާވެރި ދިފާޢީ ވަޒީރު ޔޯވް ގަލަންޓް ބުނެފައިވަނީ އިސްރާއީލުން ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތާއި ދެކޮޅަށް ހަނގުރާމައެއް ކުރަން ބޭނުމެއް ނުވާ ކަމަށެވެ. ނަމަވެސް އިސްރާއީލުގެ އަސްކަރިއްޔާ ސިފައިން ހަނގުރާމައަކަށް ތައްޔާރަށް ތިބިކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ހަނގުރާމަ އެއް ކުރަން ޖެހިއްޖެ ހާލަތެއް އަތުވެއްޖެ ނަމަ ހަނގުރާމަ ކުރަން ފަސް ނުޖެހޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އަސްކަރީ މާހިރުން ދެކިލައްވާ ގޮތުގައި މިއީ ޔަހޫދީންގެ ޣައިރު ޤާނޫނޫ ދައުލަތް އިސްރާއީލުން ލުބުނާންގެ ދެކުނުގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތަށް ދިން ވަރުގަދަ އިންޒާރެކެވެ.