މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންތިހާއަށް ހޫނުގަދަވެ، ފަސް ބިލިޔަން މީހުންނަށް ނުވަތަ ދުނިޔޭގެ އާބާދީގެ 60 އިންސައްތައަށްވުރެ ގިނަ މީހުންނަށް އޭގެ އަސަރުކޮށްފިއެވެ.

އެމެރިކާގެ ސައިންސްވެރިންގެ ގްރޫޕަކުން ކުރި އާ ތަހުލީލެއްގައި ދައްކާ ގޮތުން އިންޑިއާގެ 619 މިލިއަން މީހުން ހިމެނޭ ގޮތަށް ދުނިޔޭގެ ގާތްގަނޑަކަށް 5 ބިލިއަން މީހުންނަށް ޖޫން މަހު ވަނީ ނޭދެވޭ އަސަރުކޮށްފައެވެ.

ކްލައިމެޓް ސެންޓްރަލްގެ ރިޕޯޓުގައި ބުނެފައިވަނީ ޖޫން މަހު އާދަޔާ ޚިލާފަށް ހޫނު ގަދަވެ ގިނަ ގައުމުތަކުގެ މީހުންނަށް އަސަރުކޮށްފައިވާ ކަމަށެވެ. ރިޕޯޓުގައި ބުނާގޮތުން އެކަމުގެ އަސަރުކޮށްފައި ވަނީ:

  • އިންޑިއާގެ 619 މިލިއަން މީހުންނަށް،
  • ޗައިނާގެ 579 މިލިއަން މީހުންނަށް،
  • އިންޑޮނޭޝިއާގެ 231 މިލިއަން މީހުންނަށް،
  • ނައިޖީރިއާގެ 206 މިލިއަން މީހުންނަށް،
  • ބްރެޒިލްގެ 176 މިލިއަން މީހުންނަށް،
  • ބަންގްލަދޭޝްގެ 171 މިލިއަން މީހުންނަށް،
  • އެމެރިކާގައި 165 މިލިއަން މީހުންނަށް،
  • ޔޫރަޕުން 152 މިލިއަން،
  • މެކްސިކޯގެ 123 މިލިއަން،
  • އިތިއޮޕިއާގެ 121 މިލިއަން،
  • މިސްރުގެ 103 މިލިއަން މީހުންނަށް

ރިޕޯޓްތައް ބުނާގޮތުން މިމަހު 16 އިން 24 އަށް ހޫނުމިން އާދަޔާ ޚިލާފަށް، ތިން ގުނަ މައްޗަށް ވަނީ އަރާފައެވެ.

ކްލައިމެޓް ސެންޓްރަލްގެ ޗީފް ޕްރޮގްރާމް އޮފިސަރު އެންޑްރޫ ޕާޝިންގް ވިދާޅުވީ އިންސާނީ އަމަލުތަކާއިހުރެ ތިމާވެއްޓަށް އޭގެ ނޭދެވޭ އަސަރުކޮށް މޫސުމީ ކާރިސާތައް ވެސް އިތުރުވަމުން އަންނަ ކަމަށެވެ. އަދި ދުނިޔޭގެ ފިނިހޫނުމިނަށް ވެސް އޭގެ އަސަރުކުރަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.

މި މަހު ހޫނުމިން ތިން ގުނަ މައްޗަށް ގޮސްފައިވާއިރު އޭގެ އެންމެ ބޮޑު އަސަރެއްކޮށްފައިވަނީ އިންޑިއާ ރައްޔިތުންނަށެވެ. އެގޮތުން އިންޑިއާގައި ހީޓް ސްޓްރޯކް ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ 40،000 އަށް ވުރެ ގިނަ މީހުން ފެނިފައިވާއިރު 100 އަށް ވުރެ ގިނަ މީހުން އެކަމުގެ ސަބަބުން މަރުވެފައިވެއެވެ.

ހޫނުގަދަކަމުން ފެން ފޯރުކޮށްދިނުމުގެ ނިޒާމާއި ކަރަންޓުގެ ނިޒާމު ފުނޑުފުނޑުވެ، ވެރިރަށް ދިއްލީއަށް ވަނީ ފެނުގެ ބޮޑު ދަތިކަމަކާ ކުރިމަތިލާން ޖެހިފައެވެ.

އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނާ ގޮތުގައި އެގައުމުގެ 40 އިންސައްތަ ސަރަހައްދަށް މިދިޔަ އޭޕްރީލް އިން ޖޫން މަހުގެ ނިޔަލަށް ހޫނުގަދަ ދުވަސްތަކުގެ އަދަދު އާންމު ދުވަސްތަކަށް ވުރެ ދެގުނަ ވަނީ އިތުރުވެފައެވެ. އެގޮތުން ރާޖަސްތާނުގެ ބައެއް ހިސާބުތަކުގައި ފިނިހޫނުމިން 50 ޑިގްރީ ސެލްސިއަސްއަށް އަރާފައިވާއިރު، ރޭގަނޑު ގިނަ ތަންތަނުގައި ފިނިހޫނުމިން 35 ޑިގްރީ ސެލްސިއަސް އާއި ގާތްކޮށްފައިވެއެވެ.

ދިއްލީގައި މިދޔަ މެއި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ޖެހިޖެހިގެން 40 ދުވަހު 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީ ފިނިހޫނުމިން ވަނީ ރިކޯޑްކޮށްފައެވެ. އޭގެ ސަބަބުން 60 މީހުން ވަނީ މަރުވެފައެވެ.

މިއަހަރު ހައްޖު މޫސުމުގައި ސައުދީ އަރަބިއްޔާގައި ވެސް ހޫނުމިން އާދަޔާ ޚިލާފަށް ވަނީ މައްޗަށްގޮސްފައެވެ. ގަދަ ހޫނުގެ ސަބަބުން 1،300 މީހުން މަރުވި ކަމަށް ރިޕޯޓްތައް ބުނާއިރު ސައުދީގެ ބައެއް ސިޓީތަކުގައި ފިނިހޫނުމިން ވަނީ 50 ޑިގްރީ ސެލްސިއަސް ފަހަނައަޅައި ގޮސްފައެވެ.

ކްލައިމެޓް ސެންޓްރަލްގެ ތަހުލީލުން ދައްކާ ގޮތުގައި މެއި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މަދުވެގެން ތިންގުނަ ފިނިހޫނުމިން މައްކާގައި އިތުރުވެ، މެއި 24 އިން ފެށިގެން ފަސް ގުނަ ވަނީ އިތުރުވެފައެވެ.

މެކްސިކޯ އާއި މެދުތެރޭ އެމެރިކާގެ ގައުމުތަކަށް ވެސް ޖޫން މަހުގެ ފަހު ދެ ހަފްތާގެ ތެރޭގައި ވަރަށް ހޫނުގަދައެވެ. މެކްސިކޯގައި ވެސް ހޫނުގަދަވުމުގެ ސަބަބުން މަދުވެގެން 125 މީހުން ވަނީ މަރުވެފައެވެ.