ނިރުބަވެރި އިސްރާއީލުން ޣައްޒާ ތެރެއަށް ވަދެ ކުރަމުން އަންނަ ހަނގުރާމައިގެ ތެރެއިން އިސްރާއީލް ސިފައިންގެ ދެ މީހަކު މަރާލާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ، ޣައްޒާ ތެރޭގައި މަރާލާފައިވަނީ އުމުރުން 20 އަހަރުގެ ޕަރަޓްރޫޕާ ބްރިގޭޑުގެ 890 ބެޓަލިއަންގެ ޔާއިރް އަވިޓަން އާއި ހަތް ވަނަ އާމާޑް ބްރިގޭޑްގެ 77 ބެޓަލިއަންގެ އުމުރުން 21 އަހަރުގެ ޔާކިރް ޝުމުއެލް ޓަޓެލްބައުމް ކަމަށެވެ.

އެދެ ސިފައިން ވެސް މަރާލާފައިވަނީ ޣައްޒާ ސިޓީޣެ ޝެޖައިޔާ ސަރަހައްދުގައި ހިނގި ދެ ހަމަލާއެއްގައި ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.

އިސްރާއީލުން ބުނި ގޮތުގައި މި ދެ ސިފައިންގެ މަރާއި އެކީ، އިސްރާއީލް ސިފައިން ޣައްޒާ ތެރެއަށް ވަދެ ކުރަމުން އަންނަ ހަނގުރާމައިގައި މަރާލާފައިވާ ސިފައިންގެ އަދަދު ވަނީ 318 އަށް އަރާފައެވެ.

އިއްޔެގެ ވަގުތެއްގައި މި ހާދިސާ ހިނގި ކަމަށް އިސްރާއީލުން ބުނެފައިވާއިރު، ހަމާސް ޖަމާއަތުގެ މުޖާހިދުން އިއްޔެ ބުނެފައިވަނީ ޝެޖައިޔާ ސަރަހައްދުގެ ގެއަކަށް އިސްރާއީލް ސިފައިންގެ ބަޔަކު ވަނުމާއި އެކީ އެތަން ގޮއްވާލާފައިވާ ކަމަށެވެ. އަދި މިހާދިސާގައި އިސްރާއީލް ސިފައިންގެ 5 މީހަކު މަރާލައި، 5 މީހަކަށް ސީރިއަސް އަނިޔާތަކެއްވި ކަމަށެވެ. ނަމަވެސް އޭރު އިސްރާއީލުން މިކަން ހާމަކޮށްފައެއް ނުވެއެވެ.