ފަލަސްތީނުގެ ހުޅަނގުއައްސޭރީގައި ހުރި އިމާރާތެއްގައި ރޯވެ، އިސްރާއީލްގެ ގިނަ އަދަދެއްގެ ބަޔަކު ރޭ ފިހިއްޖެއެވެ.

ޓައިމްސް އޮފް އިސްރާއީލުން ރިޕޯޓުކޮށްފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އިސްރާއީލުން ހިފާފައިވާ ސަރަހައްދެއް ކަމަށްވާ ކޮކާވް ޔާކޯވް ސަރަހައްދުގައި ހުރި މީހުން ދިރިއުޅޭ އިމާރާތެއްގައެވެ. އަލިފާނުގެ ހާދިސާ ހިނގީ ކިހިނެއް ވެގެން ކަމެއް ސާފެއް ނުވެއެވެ.

އެކަމަކު، މި ހާދިސާގައި އިސްރާއީލްގެ 19 މީހުންނަށް އަނިޔާވެފައިވެއެވެ. އޭގެ ތެރެއިން އުމުރުން 40 ވަރަކަށް އަހަރުގެ އަންހެނަކަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ. އަދި އުމުރުން އަށް އަހަރުގެ ފިރިހެން ކުއްޖަކާއި 40 ވަރަކަށް އަހަރުގެ ފިރިހެނަކަށް މެދު މިނުގެ ޒަހަމްތަކެއް ވަނީ ލިބިފައެވެ.

އޭގެއިތުރުން ނުވަ ކުޑަކުދިންނަށް ވެސް ކުދިކުދި އަނިޔާތައް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޓައިމްސް އޮފް އިސްރާއީލުން ރިޕޯޓު ކުރާ ގޮތުގައި ގިނަ މީހުން ފިހުނު އިރު، އެއް ބަޔަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާ ދޭން ޖެހުނެވެ.

މި ހާދިސާއާ ގުޅިގެން އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ގުދުސްގައި ހުރި ހޮސްޕިޓަލްތަކަށް ވަނީ ގެންގޮސްފައެވެ.