ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރު 43 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީން އެންމެ ފަހުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރު ޣައްޒާގެ އެކި ސަރަހައްދުތަކުން 43 މީހުން ޝަހީދުކުރުމާއި އެކީ، މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޝަހީދުކޮށްލި މީހުންގެ އަދަދު ވަނީ 37،877 އަށް އަރާފައެވެ.

އަދި މި މުއްދަތުގައި އެކިވަރުގެ ޒަހަމްތައް ލިބުނު މީހުންގެ އަދަދު ވެސް ވަނީ 86،969 އަށް އަރާފައެވެ.

މިނިސްޓްރީން ބުނީ، ނިރުބަވެރި އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ހަމަލާ ދެމުން އަންނައިރު، އިމާރާތްތައް ވެސް ބިމާހަމަވެފައިވާ ކަމަށެވެ. އެހެން ކަމުން ސުންނާފަތިވެފައިވާ އިމާރާތްތަކު ދަށުގައި ޝަހީދުކޮށްލާފައިވާ މީހުން ތިބެދާނެ ކަމަށް ބަލައި، ޖުމްލަ ޝަހީދު ކޮށްލި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުން ހަމަލާތައް ދޭން ފަށާފައިވަނީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން އިސްރާއީލާއި ދެކޮޅަށް އެދުވަހު ދިން ވަރުގަދަ ހަމަލާއާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. އެގޮތުން މި ހަމަލާގައި ގިނަ ތަންތަނަށް ހަމަލާދީފައިވާއިރު، އޭގެ ތެރޭގައި އާންމުން ދިރިއުޅޭ ތަންތަނާއި، އާންމުން އެންމެ ގިނައިން އެއްވެ އުޅޭ ތަންތަން ހިމެނެއެވެ.