ދެކުނު ލުބުނާންގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިން ދިން ހަމަލާތަކުގައި ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާގެ 18 ސިފައިން ޒަހަމްވުމާއި ގުޅިގެން އެކަމުގެ ބަދަލު ހިފުމަށް ޔަހޫދީ އިސްރާއީލުން ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުގެ އަސްކަރީ އަމާޒުތަކަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

އިސްރާއީލުގެ ސިފައިންގެ ރޭޑިއޯއިން މީސް މީޑިއާގެ ޕުލެޓްފޯމެއް ކަމަށްވާ އެކްސް ގައި ޕޯސްޓްކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އިސްރާއީލުގެ ސިފައިން ވަނީ ލުބުނާނުގެ ދެކުނުގައި ވާ އަވަށްތަކަށް، އޭގެ ތެރޭގައި ކިލާ އަދި އަލްބިއާދާ ހިމެނޭގޮތަށް ވަރަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ.

ސިފައިންގެ ރޭޑިއޯއިން އިތުރަށް ބުނެފައިވަނީ، މި ހަމަލާތައް އަމާޒުކުރެވިފައިވަނީ ހިޒްބުއްﷲ ގެ ތަންތަނަށް ކަމަށާއި، މިއީ އިއްޔެ ޑްރޯން ހަމަލާއެއްގައި އިސްރާއީލުގެ 18 ސިފައިންނަށް އަނިޔާވުމާ ގުޅިގެން ދިން ބަދަލުހިފުމުގެ ހަމަލާއެއް ކަމަށެވެ. ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން އެ އަސްކަރިއްޔާ އަށް ހަމަލާދޭ ހުރިހާ ފަރާތްތަކަށް ރައްދުގައި ވަރަށް ހިތި ހަމަލާތަކެއް ދޭނެ ކަމަށެވެ.

މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތާއި ދެކޮޅަށް ކުރަމުންދާ އަނިޔާވެރި ހަނގުރާމަ ފެށުނު ފަހުން ލުބުނާންގެ ދެކުނުގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުން ދަނީ ޔަހޫދީ އިސްރާއީލަށް ހަމަލާތައް ދެމުންނެވެ.

ހިޒްބުﷲ ޖަމާއަތުން ޔަހޫދީ އިސްރާއީލްގެ އުތުރުގެ ސަރަހައްދުތަކަށް ހަމަލާދޭން ފެށުމާއި އެކީ ޔަހޫދީ އިސްރާއީލްގެ އުތުރުގެ ސަރަހައްދުތަކުގައި ދިރިއުޅޭ 60،000 ޔަހޫދީން ވަނީ އިސްރާއީލުގެ އެހެން ހިސާބުތަކަށް ބަދަލުކޮށްފައެވެ.

މެދުއިރުމަތީގެ ހާލަތުގެ ދިރާސާ ކުރައްވާ ބޭފުޅުން ވަނީ ލުބުނާންގެ ދެކުނުގެ ސަރަހައްދުތަކުގައި ހިޒްބުﷲ ޖަމާއަތާއި ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އާއި ދެމެދު ވަރުގަދަ ހަނގުރާމަ އެއް ފެށިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ބުނެ އިންޒާރުދީފައެވެ. ހިޒްބުﷲ ޖަމާއަތާއި އިސްރާއީލާއި ދެމެދު ހަނގުރާމަ އެއް ފެށުން ވާނީ ދެ ގައުމަށް ވެސް ވަރަށް ނުރައްކާތެރި ގެއްލުން ބޮޑު ކަމެއްގެ ގޮތުގައި އަސްކަރީ މާހިރުން ވަނީ ސިފަކުރައްވާފައެވެ.