ނައިޖީރިއާގެ އިރުމަތީ އުތުރުގައިވާ ބޯނޯ ސްޓޭޓުގައި އަންހެނުން ކަމަށް ބެލެވޭ ބަޔަކު ޖާނުން ފިދާ ވެގެން ބޮން ގޮއްވާލުމުގެ ހަމަލާތަކެއްގައި މަދުވެގެން 18 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފިއެވެ.

ނައިޖީރިއާގެ ސަލާމަތީ ބާރުތަކާއި ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ބުނެފައިވަނީ މި ހަމަލާތައް އަމާޒުކޮށްފައިވަނީ ކައިވެނި ޖަލްސާއަކަށާއި، ހޮސްޕިޓަލަކަށް އަދި ޖަނާޒާއަކަށެވެ.

ހޮނިހިރު ދުވަހު މި ތިން ގޮވުން ހިނގާފައިވަނީ ކެމަރޫނުގެ ބޯޑަރާ ކައިރީގައިވާ ގްވޯޒާ ނަމަކަށް ކިޔާ އަވަށެއްގައި ކަމަށް ބޯނޯ ސްޓޭޓުގެ ފުލުހުންގެ ތަރުޖަމާނު ނަހުމް ކެނެތް ދަސޯ އާދީއްތަ ދުވަހު ވިދާޅުވިއެވެ.

މި ހަމަލާތަކުގެ ތެރެއިން އެއް ހަމަލާގައި، މެންދުރުފަހު 3:45 ގައި ކުޑަކުއްޖަކު ބުރަކަށީގައި އުފުލައިގެން އުޅުނު އަންހެނަކު ކާރު ޕާކުކުރަން ހަދާފައިވާ ޕާކިން ޒޯނެއްގައި އޭނާގެ ގައިގައި ހުރި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައި.އީ.ޑީ) އެއް ގޮއްވާލި ކަމަށް ދާސޯ ވިދާޅުވިއެވެ.

މި ވަރުގަދަ ހަމަލާތަކުގައި މަރުވެދިޔަ މީހުންގެ ޖަނާޒާއަކަށް ވެސް ފަހުން ހަމަލާއެއް ދިން ކަމަށް ނައިޖީރިއާގެ އޮތޯރިޓީތަކުން ބުނެއެވެ.

ނައިޖީރިއާގައި ދިން މި ނުރައްކާތެރި ހަމަލާގައި މިހާތަނަށް، ކުޑަކުދިންނާއި، ފިރިހެނުންނާއި، އަންހެނުންނާއި އަދި މާބަނޑު އަންހެނުން ހިމެނޭ ގޮތަށް 18 މަރު ވަނީ ރިޕޯޓުކުރެވިފައި ކަމަށް ނައިޖީރިއާގެ ފުލުހުންގެ ތެރޭގައި އޮންނަ ހާއްސަ ތަހުގީގީ އެޖެންސީގެ އިސްވެރިޔާ ބަރްކިންޑޯ ސައިދު ބުނެފައިވެއެވެ.

މި ހަމަލާތަކުގައި ފުރާނައަށް ނުރައްކާވާ ވަރަށް ބޮޑަށް ޒަޚަމްވެފައިވާ 19 މީހުން ސަރަޙައްދީ ވެރިރަށް މައިދުގުރީއަށް ގެންދެވުން ކަމަށާއި އަދި އިތުރު 23 މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ ކުއްލި އެހީގެ ސިއްހީ ސާމާނުތަކަށް އިންތިޒާރުކުރަމުންދާ ކަމަށް އެ އަވަށުގެ ހޮސްޕިޓަލާއި ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މި ހަމަލާތަކުގެ އިތުރުން ގްވޯޒާ ސަރަހައްދުގައި ސުލްހަ ބެލެހެއްޓުމަށް ނައިޖީރިއާގެ ސިފައިންނަށް އެހީތެރިވާ ހަނގުރާމަ މަތީ ޖަމާއަތެއްގެ މެންބަރަކު ބުނި ގޮތުގައި ސެކިއުރިޓީ ޕޯސްޓަކަށް ދިން ވަކި ހަމަލާއެއްގައި އެ ޖަމާއަތުގެ ދެ ހަނގުރާމަވެރިންނާއި ނައިޖީރިއާގެ ސިފައިންގެ މީހަކު މަރުވެފައިވެއެވެ. ނަމަވެސް ނައިޖީރިއާގެ އޮތޯރިޓީތަކުން މި މަރުތައް ވަގުތުން ކަށަވަރުކޮށްފައެއް ނުވެއެވެ.

ނައިޖީރިއާގެ ބޯނާ އަކީ ޔޫރަޕުގެ އަޔަރލެންޑް އަށް ވުރެ ބޮޑު ސަރަހައްދެކެވެ. މި ސަރަހައްދުގައި 15 އަހަރު ވަންދެން ހިނގަމުންދާ ދާހިލީ ހަނގުރާމައިގެ އަނިޔާވެރިކަމުން އެ ސަރަހައްދުގެ އެތައް ހާސް ރައްޔިތުންނެއް މަރުވެ، އަދި އެތައް މިލިއަން މީހުން ވަނީ އަމިއްލަ ގެދޮރުން ނިކުންނަށް މަޖުބޫރުވެ ނިކަމެތިވެފައެވެ.

ނައިޖީރިއާގެ ސިފައިން އެތައް އަހަރެއް ވައްދެން ކުރި ހަނގުރާމައިގެ ސަބަބުން ހަނގުރާމަމަތީ ގްރޫޕްތަކުގެ އަސްކަރީ ޤާބިލުކަން ދަށްވެފައި ވީ ނަމަވެސް، އެމީހުން އަދިވެސް އާންމުންނާއި ސަލާމަތީ ބާރުތަަކުގެ މަރުކަޒު ތަކަށް ނުރައްކާތެރި ހަމަލާތައް ދެމުންދެއެވެ.

2019 ގައި، މި ސަރަޙައްދުގައި ހިންގި ތިން ގޮއްވާލުމެއްގައި 30 މީހުން މަރުވިއެވެ. މިއީ ނައިޖީރިއާގެ ތާރީހްގައި ވެސް މިހާ ގިނަ އަދަދެއްގެ މީހުން އަމިއްލައަށް މަރުވެގެން ހިންގި އެންމެ ބޮޑު ޖާނުންފިދާވުމުގެ ހާދިސާއެވެ.