މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތައް ފެށުނު ފަހުން ޔަހޫދީ އަނިޔާވެރި އަސްކަރިއްޔާ އިން ހައްޔަރުކުރާ ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުން އިސްރާއީލްގެ ޖަލުތަކުގައި އުޅެނީ ވަރަށް ހިތްދަތި ހާލެއްގައި ކަމަށް އަލް ޝިފާ ހޮސްޕިޓަލްގެ ޑިރެކްޓަރ މުހައްމަދު އަބޫ ސަލްމިއްޔާ ބުނެފިއެވެ.

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ ޖަލުތައް ފުރިފައިވުމުން މިއަދު ޔަހޫދީން ވަނީ އަލް ޝިފާ ހޮސްޕިޓަލްގެ ޑިރެކްޓަރ މުހައްމަދު އަބޫ ސަލްމިއްޔާ އާއި ފަލަސްތީނުގެ އިތުރު ޤައިދީން ތަކެއް މިނިވަން ކޮށްފައެވެ.

ޖަލުން މިނިވަން ކުރުމުން ފަލަސްތީނުގެ މީޑިއާ ތަކަށް ދިން އިންޓަވިއު އެއްގައި ޣައްޒާގެ އެންމެ ބޮޑު އެއް ހޮސްޕިޓަލް އަލް ޝިފާ ގެ ޑިރެކްޓަރ ބުނެފައިވަނީ ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުން ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ ޖަލުތަކުގައި އުޅެނީ ވަރަށް ނިކަމެތި ހާލުގައި ކަމަށެވެ.

" އަހަރެމެންނަށް ކާން ދެނީ އެއްވެސް ރަހަ އެއް ނުލާ އޭގެއިން ހަށިގަނޑަށް އެއްވެސް ފައިދާއެއް ނުވާ ކަހަލަ ތަކެތި. ނަމަވެސް ހިތާމަ އަކީ އެ ކަހަލަ ކާބޯތަކެތި ވެސް ގަޑިން ގަޑިއަށް ޔަހޫދީން ނުދޭތީ. ބަނޑުހައިވެފައި ތިބޭތީ ހުރިހާ އެންމެން ވެސް އެ ކާނެ ނަމަވެސް އެއީ އިންސާނުން ކާން އެކަށީގެންވާ ކާނާ އެއް ނޫން. ފެން ވެސް ޖަލުގައި ތިބޭ ހުރިހާ ގައިދީންނަށް ވާ ވަރަށް ޔަހޫދީ އަނިޔާވެރިން ނުދޭ. އެއީ ވެސް ވަރަށް ދެރަވާ ކަމެއް. އަހަރެމެން މުސްލިމުން ނަމާދު ކުރަން ޖެހޭނީ ސާފު ތާހިރުތަން ތާގައި ނަމަވެސް ޔަހޫދީ އިސްރާއީލްގެ ޖަލުތައް ވަރަށް މުޑުދާރު. އަހަރެން ނުދެކެން އެއް ފަހަރު ވެސް ޔަހޫދީން ޖަލުތަކުގެ އެއްވެސް ތަނެއް ސާފުކޮށްލާ ތަނެއް" ފަލަސްތީނުގެ މީޑިއާތަކަށް ދިން އިންޓަވިއު އެއްގައި އަލް ޝިފާ ހޮސްޕިޓަލްގެ ޑިރެކްޓަރ މުހައްމަދު އަބޫ ސަލްމިއްޔާ ބުންޏެވެ.

ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޤަތުލް އާންމު ފެށިފަހުން ޔަހޫދީން ވަނީ ޣައްޒާ އިން ފަލަސްތީނުގެ އެތައް ހާސް ކުށެއް ނެތް ރައްޔިތުންނެއް ހައްޔަރުކޮށްފައެވެ.