ޣައްޒާ ތެރޭގައި އިސްރާއީލް ސިފައިން ކުރަމުން އަންނަ ހަނގުރާމައިގެ ތެރޭގައި އެމީހުންގެ މީހަކު މަރާލާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި މަރާލާފައިވަނީ އުމުރުން 21 އަހަރުގެ އިސްރާއީލުގެ ދެކުނުގައި އޮންނަ ބީރްޝެބާގެ ސާޖެންޓް އޮރި އިޒްޗަކް ހަޑާޑްއެވެ.

އިސްރާއީލުން ބުނީ އޭނާ މަރާލާފައިވަނީ ޣައްޒާގެ ދެކުނުގައި އިސްރާއީލުން ހިންގަމުން ދިޔަ އޮޕަރޭޝަނުގެ ތެރެއިން ހަމާސް ޖަމާއަތުން ދިން ހަމަލާއެއްގައެވެ. އެގޮތުން އެމީހުން ތިބި ޓަނަލްއެއް ގޮއްވާލި ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.

މި ހަމަލާގައި އޭނާ މަރާލާފައިވާއިރު، އިތުރު 9 މީހަކަށް އެކިވަރުގެ ޒަހަމްވެފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އިސްރާއީލުން ބުނި ގޮތުގައި އެސިފައިންގެ މީހާގެ މަރާއި އެކީ، އިސްރާއީލް ސިފައިން ޣައްޒާ ތެރެއަށް ވަދެ ކުރަމުން އަންނަ ހަނގުރާމައިގައި މަރާލާފައިވާ ސިފައިންގެ އަދަދު ވަނީ 319 އަށް އަރާފައެވެ.