މިޔަރު ހަމަލާދިން އެމެރިކާ މީހެއްގެ ހާލު ސީރިޔަސްވެ ފަރުވާދޭން ފަށައިފިއެވެ.

އެމެރިކާގެ ފްލޮރިޑާ އިރުމަތީ ސަރަހައްދުގައި މިދިޔަ ހުކުރު ދުވަހު ހިނގި މިހާދިސާގައި މިޔަރުގެ ޝިކާރައަަކަށްވެ ހާލު ދެރަވެ ފަރުވާދެމުންދާ މީހާގެ ހާލު އަދިވެސް ސީރިޔަސް ކަމަށް ރިޕޯޓްތައް ބުނެއެވެ. މެރިޓައިމް ޔުނިޓުން ބުނި ގޮތުގައި އެ މީހާގެ އަތަށް ބޮޑެތި ގެއްލުންތަމެއްވެފައިވާ އިރު، ވަރަށް ގިނަ އަދަދަކަށް ލޭ ވެސް ފައިބާފައިވާ ކަމަށް ބުންޏެވެ.

މި ހާދިސާއާ ބެހޭ ގޮތުން އެތަނުގެ ނަސޯ ކައުންޓީ ޝެރިފް އޮފީހުގެ މެރިޓައިމް ޔުނިޓުން ބުނީ މިޔަރު ހަމަލާ ދިން މީހާ ފެނުނީ ބޯޓެއްގެ ތެރޭގައި ވަރަށް ބޮޑަށް ޒަހަމްވެފައި އޮއްވައި ކަމަށެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން އެމެރިކާގެ ސާފިން ލެޖެންޑް ޓަމާޔޯ ޕެރީ، 49، ވަނީ ހަވާއީގައި ރާޅާ އަޅަން އުޅެނިކޮޮށް މިޔަރުތަކެއް ދިން ހަމަލާއެއްގައި މަރުވެފަ އެވެ.

އެމެރިކާ އަކީ މިފަދަ ހާދިސާތައް އެންމެ ގިނަ ގައުމެވެ. ވަކިން ހާއްސަކޮށް މި ސަރަހައްދަކީ މިޔަރުގެ ހަމަލާތައް ވަރަށް ގިނަ ސަރަަހައްދެކެވެ. މިދިޔަ މަހުގެ ތެރޭގައި އެކަނި ވެސް ފްލޮރިޑާގައި ތިން މީހަކަށް މިޔަރު ހަމަލާދިން ހާދިސާތަކެއް ހިނގާފައިވެއެވެ. އެހެންކަމުން އެ ގައުމުގެ އާންމުން މޫދަށް އެރުމުގައި މިޔަރުތަކަށް ސަމާލުވާން ކަމާބެހޭ ފަރާތްތަކުން އަބަދު ވެސް ހަނދާންކޮށް ދެމުން ދެއެވެ. އަދި އެފަދަ ނޯޓިސްތައް ވެސް އާންމު ގިނަ ބީޗުގައި ބަހައްޓާފައި ހުރެއެވެ.